އެމްޑީޕީގެ މެޖޯރިޓީ މަޖިލީހެއްގައި އެމްޑީޕީ ވަޒީރަކު ވަކިކުރާނެ ގާބިލްކަން ހުރުމުން އުފާވޭ: ފައްޔާޒު

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއްގައި އެމްޑީޕީގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގެ ގާބިލުކަން ހުރުމުން އުފާކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެކަމާއި ގުޅިގެން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ، މިނިސްޓަރު ފައްޔާޒާއި ސުވާލުކުރުމުން ވިދާޅުވީ އެއީ އެހާ ދައްކަން ބޭނުންވާ ވާހަކައެެއް ނޫން ކަމަށެވެ. އެކަމަކު އެމްޑީޕީން އިސްލާހަށް ކުރި މަސައްކަތާއެކު އެމްޑީޕީގެ ސަރުކާރެއްގައި އެމްޑީޕީގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގެ ހިތްވަރު ހުރުމުން އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

“ފުރަތަމަ ކަމަކީ ތިގޮތަށް ތިކަންވާނަމަ އޭގެއިން ދޭހަވަނީ އަޅުގަނޑުމެން އެންމެން މިއޮތްހާ ދުވަހު ކުރި މަސައްކަތް ކާމިޔާބު ވެއްޖެކަން. އެމްޑީޕީގެ މަޖިލީހެއް އޮވެ އެމްޑީޕީގެ ސަރުކާރުގައި އެމްޑީޕީ ވަޒީރެއްގެ ނޯ ކޮންފިޑެންސް ނެގުމުގެ ގާބިލުކަން ނޫނީ އެ ހިތްވަރު ރަނގަޅަސް ގޯހަށް އެ ޖާގަ ދިވެހިރާއްޖޭގައި އުފައްދައިދެވިއްޖެ އަޅުގަނޑުމެންނަށް. ހަމަ އެމްޑީޕީއާ އިސްލާހަށް މަސައްކަތްކުރި ހުރިހާ ބޭފުޅުން އަހަރުތަކެއްގައި ހުރި މަަސައްކަތުގެ ނަތީޖާ، އެހެންވީމަ ވަރަށް އުފާވާކަމެއް އެއީ،” މިނިސްޓާރ ވިދާޅުވިއެވެ.

މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ސޮއި ހޯދަމުން އަންނައިރު އޭގައި ސޮއި ކޮށްފައިވަނީ ވެސް ކިތައް މީހުންކަން ނޭނގޭ ކަމަށާއި އަދި އެކި އެކި މީހުން ސޮއި ކުރިކަމުގެ އަޑުއިވޭއިރު އެ ސޮއިކުރި މީހުންނަށް ނުވެސް ގުޅާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އެކަމަކު މިނިސްޓަރު ވަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއްގައި އެމްޑީޕީގެ ވަޒީރަކު ވަކިކުރުމުގެ ގާބިލްކަމާއި ހިތްވަރު ރާއްޖޭގައި އުފައްދައިދެވިފައިވާތީ އެކަމާއި އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

މިނިސްޓަރު ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަން ޖެހޭނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށާއި އެގޮތުން އެކަން އެނގިވަޑައިގަތީ ވެސް މީޑިއާތަކަށް އެކަން އެރި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި ގަބޫލުކުރައްވަނީ ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ އެކަމެއް ހިއްސާކުރާނެ ކަމަށާއި އެކަމަކު އެކަމެއް މިއަދާއި ހަމައަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

“އެވަރުގެ ކަމައް އޮތްނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑާއި ހިއްސާކުރާނެ. އަޅުގަނޑު ގޯސްކޮށް ކަމެއް ކުރަންޏާއި ތަކުރާރުކޮށް އަޅުގަނޑު ގޯސްތަކެއް މިސާލަކަށް ކުރާކަމަށްވަންޏާއި އަޅުގަނޑަށް އެ އިޝާރާތް ކުރެވޭނެ،” މިނިސްޓާރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގައި މައްސަލައެއް ނެތް ކަމަށާއި އެކަމަކު މަސައްކަތް ކުރަމުންދާނީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭކަންކަން ހާސިލުކުރުމަށް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ނުބެހޭ ކަންކަމާއި ބެހޭ ކަމަށް ބުނަމުން އަންނަކަމަށާއި އެގޮތަށް އެކަން ވެސް ކުރެވޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ކަންކަން ނޫންނަމަވެސް މީހުން ގުޅާއި ކަންބޮޑުވުން ފާޅުކުރުމުން އެކަމެއް ދިމާވި ސަބަބު ހޯދުމަށް މަަސައްކަތް ކުރައްވާކަން ވެސް ފާހަގަކުރެއްވި އެވެ. އެކަމަކު މަސައްކަތުގައި އިތުބާރު ގެއްލިފައިވާ ކަމަށް ބުނެވޭނެ އެންމެ އިންޗިއެއް ވެސް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!