- އިންޑިއާއިން ރާއްޖެ ހިފާނަމަ އެކަން އޮންނާނީ އެތައް ގަރުނެއް ކުރިން ކޮށް ނިންމާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އިންޑިއާގެ ސެކިއުރިޓީއަށް ގެއްލުންވާނެ ފަދަ އެއްވެސް އަމަލެއް ރާއްޖޭގައި ހިންގައިގެން ނުވާނެ ކަމަށެވެ. އެއީ ގައުމުގެ ރައްކާތެރިކަމާއި މުޅި ރީޖަން އާއި އެކުވެރި ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވެސް ކުރަން ޖެހޭނެ ކަމަކަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، އިންޑިއާއަކީ ރާއްޖެ އާއި އެންމެ އެކުވެރި ގައުމު ކަމަށާއި އިދިކޮޅު ފަރާތްތަކުން އިންޑިއާ އަށް ފާޑު ކިޔަނީ ރައްޔިތުންނާއި ސަރުކާރާއި ދެމެދުގައި ފިތުނަ އުފެއްދުމަށް ބަހަނާއެއްގެ ގޮތުގައި ކަމަށެވެ.
“އިންޑިއާއާ ގުޅިގެން ފާޑުފާޑުގެ ވާހަކަ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ކޮންމެވެސް ފިތުނައެއް އުފެއްދުމަށްޓަކައި،” ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ޗައިނާ އިން ލޯނު ނަގައިގެން ބައެއް ގައުމުތަކަށް އެކަމުގެ ހިތި ނަތީޖާ ފެނިފައިވާ ކަމަށެވެ. އެގޮތުން ލަންކާ ބަނދަރުގެ 99 އިންސައްތަ ޗައިނާ ސަރުކާރުން ނަގާފައިވާ ކަމަށާއި، އަދި އެފްރިކާގެ ބައެއް ގައުމުތަކުގެ ބިންތައްވެސް އެގައުމުން މިލްކުކޮށްފައިވާކަން މިނިސްޓަރު ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.