ޗައިނާގެ ލޯނުތަކަށް ވުރެ އިންޑިއާގެ ލޯނުތައް އިންޓްރެސްޓް ކުޑަ

މި ސަރުކާރުން އިންޑިއާ އިން ލޯނުތައް ނެގީ ވަރަށް ކުޑަ އިންޓަރެސްޓެއްގައި ކަމަށާއި ޗައިނާގެ ލޯނުތަކަށް ވުރެ އިންޑިއާގެ ލޯނުގެތަކުގެ އިންޓަރެސްޓް ކުޑަކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ “ފަލަ ސުރުޚީ” ޕްރޮގްރާމްގައި ކުރި ސުވާލެއްގެ ޖަވާބުގައި ފައްޔާޒު އެހެން ވިދާޅުވިއިރު، އިންޑިއާ ސަރުކާރުން އިއްޔެ ވަނީ ބައެއް މަޝްރޫއުތަކަށް ލޯނާއި ހިލޭ އެހީ ދޭން އެއްބަސްވެފަ އެވެ. އޭގެ ތެރެއިން އެއް އެހީއަކީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަންނަން، ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ދޭން ނިންމި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިިޔާ) އެވެ. އެއީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 1.75 ޕަސެންޓްގެ އިންޓަރެސްޓާ އެކު 20 އަހަރުން ދައްކާ ގޮތަށް ދޭ ލޯނެކެވެ.

މިއީ، މިހާތަނަށް ބޭރު ގައުމަކުން ރާއްޖެ އަށް ދިން އެންމެ އިންޓަރެސްޓު ރޭޓު ކުޑަ ލޯނު ކަމަށް ބެލެވެ އެވެ.

ފައްޔާޒު ރޭ ވިދާޅުވީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ޗައިނާ އިން ލޯނު ނަގާފައި ވަނީ ވަރަށް ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި ކަމަށާއި އެފަދަ ލޯނުތަކާ ގުޅޭ ކަންކަން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްްފައި ވަނީ އަގުބޮޑުކޮށް ކަމަށެވެ. ޗައިނާގެ ލޯނުތަކުން އެ ކަހަލަ ބައިވަރު މައްސަލަތައް އުފެދުނަސް އިންޑިއާގެ ލޯނުތަކުން އެ ކަންކަން ކުރިމަތި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ޗައިނާ އިން ނެގި އިންޓަރެސްޓަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި އަޅުގަނޑުމެން އެކަން މި ކުރަނީ ފުރަތަމަ ކަމަކަށް،” ފައްޔާޒު ވިދާޅުވި އެވެ.

ދަރަނި އަދާކުރެވޭނެ އިތުރު ގޮތްތަކެއް ނުހޯދި، އިންޑިއާ އިންް ބޮޑެތި އަދަދުތަކުން ލޯނު ނެގުމަކީ ރަނގަޅު ނިންމުމެއްތޯ ސުވާލު ކުރުމުން ފައްޔާޒު ވިދާޅުވީ ލޯނު އަނބުރާ ނުދެއްްކޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. މުޅި މުސްތަގުބަލު ބަލާނީ ކޮވިޑްގެ ހާލަތުގައި ނޫން ކަމަށާއި މި ހާލަތު ދިއުމުން ލޯނު ނުދެއްކޭނެ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

“އެހެންވީމާ އެ ލޯނުތައް ދެއްކުމުގެ ގާބިލުކަން އެބަހުރި،” ފައްޔާޒު ވިދާޅުވި އެވެ.

ލޯނު ނަގަން ޖެހޭ ސަބަބަތުކާ ބެހޭގޮތުން އޭނާ ވިދާޅުވީ ރައްޔިތުންނަށް މާކުރިއްސުރެ ލިބެން ޖެހޭ އެތައް ހިދުމަތްތަކެއް ނުލިބި ހުރުމުން، މިހާރު އެ މަސައްކަތްތައް ކުރަން ޖެހިފައި އޮތީ އަވަސް ކަމެއްގެ ގޮތުގައި ކަަމަށެވެ. ނިންމަން ޖެހިފައި އޮތް ނިންމުމަކީ ލޯނު ނުނަގައި އެ މަސައްކަތްތައް ލަސްކޮށްގެން ތިބޭނީތޯ ނުވަތަ ލޯނު ނަގައިގެން މަސައްކަތް ކުރާނީތޯ ކަމަށާއި ސަރުކާރުން ބޭނުންވަނީ ލޯނު ނަގައިގެން އެ މަސައްކަތްތައް ކުރަން ކަށް ވެސް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި، މައްސަލައަކީ ދަރަނި ނެގުމެއް ނޫނެވެ. މައްސަލައަކީ ދަރަނި ބޭނުނުންކުރާ ގޮތް ކަމަށާއި ދަރަނިން ކުރަނީ ކުރަންޖެހޭ ކަންތައްތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!