ޕްރިންސް ހެރީ އާއި މޭގަން މާރކަލް 14.7 މިލިއަން ޑޮލަރަށް ކެލަފޯނިޔާއިން ބޮޑު ހަވޭލީއެއް ގަނެފިއެވެ. މި ހަވޭލީ ގަނެފައި ވަނީ ރަޝިޔާގެ ވިޔަފާރިވެރިއެއްގެ އަތުން ކަމަށް ވެއެވެ.
9 ކޮޓަރިއާއި 16 ފާހާނަ ހުންނަ ގަނޑުވަރެއްފަދަ ހަވޭލީ ގަނެފައިވަނީ މަޝްހޫރު ޓީވީ ޕްރެޒެންޓަރ އޯޕްރާ ވިންފެރީގެ ގެ ކައިރިން ކަމަށް މައުލޫމާތު ލިބެއެވެ. 14563 އަކަ ފޫޓުގެ މިގޭގައި ގޯތީގައި 5.4 އޭކަރުގެ ބިން ހިމެނޭ ކަމަށް ވެއެވެ.

މި ގޭގައި 9 ކޮޓަރިއާއި 16 ފާހާނައިގެ އިތުރުން، ކުތުބުހާނާއަކާއި، އޮފީހަކާއި، ސްޕާއަކާއި، ދެވައްތަރުގެ ދެ ސައުނާއާއި، ޖިމަކާއި، ގޭމް ރޫމަކާއި، އާކޭޑް ރޫމަކާއި، ފިލްމް ތިއޭޓަރަކާއި، ރާ ރައްކާ ކުރާ ތަނަކާއި، ފަސް ގަރާޖު ހުރެއެވެ. މީގެ އިތުރުން ދެ ކޮޓަރިއާއި ދެ ފާހާނަ ހިމެނޭ ގޮތަށް މެހުމާނުންނަށް ހާއްސަ ކުރެވިފައިވާ ގެއެއް މި ހަވޭލީގައި ހުރެއެވެ. މި ތަން ހުންނަނީ މަޝްހޫރު ތަރިންތައް ދިރިއުޅޭ ސަރަހައްދެއްގައި ކަމަށް ވެއެވެ.
މި ހަވޭލީ އަޅާފައިވަނީ 2003 ވަނަ އަހަރުގައެވެ.