ލަކްޝްމީ ބޮމްބް އަޅުވާނީ އަކްޝޭގެ އުފަންދުވަހު

އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ “ލަކްޝްމީ ބޮމްބް” އަންނަ މަހު 9 ގައި ޕްރިމިއާ ކުރަން ނިންމައިފިއެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާ ކުރަން ނިންމާފައިވާ މި ފިލްމު ސްޓްރީމް ކުރާ ތާރީޙަކީ އަކްޝޭގެ 53 ވަނަ އުފަންދުވަހެވެ. މި ފިލްމަކީ ކުރިން މި އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމި ނަމަވެސް ލޮކްޑައުންގެ  ސަބަބުން އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައިވާތީ ޑިޖިޓަލްކޮށް ޕްރިމިއާކުރަން މި އަހަރު ނިންމި ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.

އަކްޝޭއާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ކިއާރާ އަދުވާނީ ފެނިގެންދާނެ މި ފިލްމަކީ ހޮރޯ-ކޮމެޑީއެއްގެ ގޮތުގައި ތަމަޅަ އެކްޓަރު ރަގަވާ ލޯރެންސް ޑައިރެކްޓްކޮށްގެން ގެނެސްދޭ ފިލްމެކެވެ.

“ލަކްޝްމީ ބޮމްބް” ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައިވަނީ މި މަހު 18 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ޑިޖިޓަލްކޮށް ރިލީޒްކުރާ އަކްޝޭގެ ފުރަތަމަ ފިލްމުކަން ވެސް ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!