ސަޅަކް 2 ގެ ޓްރެއިލާ އަކީ އެންމެ ގިނަ ޑިސްލައިކު ލިބުނު އެއް ޓްރެއިލާ، ޕޫޖާ ބަޓް ބުނަނީ ޝުކުރިއްޔާއޭ!

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޕްރޮޑިއުސަރު ކަމަށްވާ މަހޭޝް ބަޓް ޕްރޮޑިއުސް ކޮށްފައިވާ “ސަޅަކް” ގެ ދެވަނަ ފިލްމު މި މަހުގެ ފަހުކޮޅު ނެރެން ތައްޔާރުވަމުން އަންނައިރު، ބުދަ ދުވަހު ވަނީ އެ ފިލްމުގެ ޓްރެއިލާ ޔޫޓިއުބަށް ދޫކޮށްލައިފައެވެ. އެހެނަސް، ޓްރެއިލާ ދޫކޮށްލިތާ އެންމެ 24 ގަޑިއިރު ތެރޭގައި ވަނީ 5 މިލިއަން ޑިސްލައިކް ލިބިފައެވެ. އެއާއެކު މިއީ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ޑިސްލައިކު ލިބުނު އެއް ޓްރެއިލާއަށް ވަނީ ވެފައެވެ.

މިއީ އިންޑިއާ ގިނަ ބަޔަކު އެކައްޗެއް ކިޔައިގެން، ނެޕޮޓިޒަމާ ދެކޮޅަށް މީސްމީޑިއާގައި ކުރި “މުޒާހަރާއެއް” ގެ ނަތީޖާއެވެ. އެމީހުން މިކަން ކޮށްފައިވަނީ، މީގެ ދެމަސް ކުރިން ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތަށް “އިންސާފު ހޯދައިދިނުމަށް” ކަމަށް މީސްމީޑިއާގައި ބުނެފައި ވެއެވެ. ސަބަބަކީ، ސުޝާންތު ޑިޕްރެޝަނަށް ގޮސްގެން އަމިއްލައަށް މަރުވުމުގެ ފަހަތުގައި މަހޭޝް ބަޓް ފަދަ ނުފޫޒުގަދަ ފަރާތްތައް ވާކަމަށް ޝައްކު ކުރެވޭތީއެވެ. އަނެއްބައި މީހުން ޝައްކު ކުރާ ގޮތުގައި، ސުޝާންތު ވަނީ މަރައިލެވިފައެވެ.

ކޮންމެއަކަސް، އާލިއާ ބަޓް، ސަންޖޭ ދަތު އަދި އަދިތުޔާ ރޯއީ ކަޕޫރު ލީޑު ރޯލުތަކުން ފެންނަ “ސަޅަކް 2” އަށް މިހާ ގިނަ ޑިސްލައިކް ލިބުނަސް، މި ޓްރެއިލާ ވަނީ ޔޫޓިއުބްގެ ޓްރެންޑިންގ ލިސްޓުގެ މަތިން ޖާގަ ހޯދައިފައެވެ. މިކަމާ ގުޅިގެން ފޭނަކު ޕޫޖާ ބަޓަށް ކުރި ޓްވީޓެއްގައި ބުނީ، އެވަރަށް ޑިސްލައިކު ލިބުނަސް ހާސް ނުވުމަށެވެ. ސަބަބަކީ ޓްރެއިލާ އޮތީ ޔޫޓިއުބް ޓްރެންޑިންގ ލިސްޓުގެ އެއްވަނައިގައި ކަމަށް އެ ފޭން ބުންޏެވެ. މިއަށް ރައްދުދެމުން ޕޫޖާ ބުނީ އޭނާ އެއްވެސް ވަރަކަށް ހާސްނުވާ ކަމަށެވެ. “ނަފްރަތުކުރާ މީހުންނާއި ތަރުހީބު ދޭ މީހުންނަށް ވެސް ޝުކުރު އަދާކުރަން. އެއީ އެމީހުންގެ އެހާ އަގުބޮޑު ވަގުތުތަކެއް މި ޓްރެއިލާ އަށް ދީގެން ޓްރެންޑު ކޮށްދިނީމަ”، ޕޫޖާ ލިޔެފައިވެއެވެ.

މިއަދުގެ މިހާތަނަށް “ސަޅަކް 2” ގެ ޓްރެއިލާއަށް ވަނީ 7.8 މިލިއަން ޑިސްލައިކު ލިބިފައެވެ. އަނެއްކޮޅުން ލައިކުގެ އަދަދު 5 ލައްކައަށް ވެސް ނާރައެވެ.

ސުޝާންތުގެ މަރަށްފަހު، ގިނަ އަދަދެއްގެ މީހުން އަންނަނީ ފިލްމީ ބެކްގްރައުންޑުތަކަށް ނިސްބަތްވާ ތަރިންގެ ފިލްމުތައް ބޮއިކޮޓު ކުރާނެ ކަމަށް ގޮވައިލަމުންނެވެ. އޭގެތެރެއިންވެސް އެންމެ ގިނަ ބައެއްގެ ނަފްރަތު ލިބިފައިވަނީ މަހޭޝް ބަޓްގެ ދަރިފުޅު އެކްޓްރެސް އާލިއާ ބަޓަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!