ބޮލީވުޑް ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަން އިއްޔެ ރަސްމީކޮށް އިޢުލާނުކޮށްފައިވާ އިރު، ކަރީނާ ވިހާނީ ކޮން އިރަކުންތޯ އެނގެން ފޭނުން ތިބީ ކެތްމަދުވެފައެވެ. މިހާރު މިވަނީ އެ ސުވާލަށް ވެސް ޖަވާބު ލިބިފައެވެ.
އިންޑިއާގެ މީޑިއާތަކުން ލަފާކުރާ ގޮތުގައި، ކަރީނާގެ ބަނޑަށް މިހާރު ތިން މަސް ވެދާނެއެވެ. މި އުފާވެރި ޙަބަރާ ބެހޭގޮތުން ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރާ “ޕިންކްވިލާ” އިން ސުވާލު ކުރުމުން ބުނީ، އޭނާއަށް އެ ޙަބަރު ލިބުނީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ.
“ބޭބޯ އާއި ސައިފް އަހަރެމެންނަށް އެ ޙަބަރު ދިނީ ދުވަސްކޮޅެއް ކުރިން. އަހަރެން މިހުރީ އެކަމާ ވަރަށް އުފަލުން”، ރަންދީރް ބުންޏެވެ. މީގެ އިތުރުން ރަންދީރް ހާމަކުރި ގޮތުގައި، ކަރީނާ ވިހާނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
ކަރީނާ އޭނާގެ އަލަތު ދަރިފުޅު ތައިމޫރް އަލީ ޚާނަށް ބަލިވެ އިނދެ ވިހަން ކުޑަތަންވުމާ ހަމައަށްވެސް ވަނީ އެއްވެސް ބްރޭކެއް ނުނަގައި ވަރަށް އަވަދިނެތިކޮށް މަސައްކަތް ކޮށްފައެވެ. އަދި ތައިމޫރު ވިހެއިތާ މާ ގިނަ މަސްތަކެއް ނުވަނީސް އެނބުރި މަސައްކަތަށް ދިޔައެވެ. މިކަމާ ގުޅިގެން އޭރު ކަރީނާއަށް ފާޑުކިޔުންތައް އަމާޒުވިޔަސް، މިފަހަރުވެސް ކަރީނާ ގަސްތު ކޮށްފައި އޮތީ އެހެން ކަންތައް ކުރުމަށް ކަމަށް ކަރީނާގެ ވަރަށް ގާތް ފަރާތަކުން ބުނެއެވެ.