ކަސޯޓީއާ ޕާތު އަލްވަދާޢު ކިޔަނީ؟

ސްޓާ ޕްލަސް އިން ދައްކާ އެންމެ މަޤުބޫލު އެއް ޑްރާމާ ސިލްސިލާ ކަމަށްވާ “ކަސޯޓީ ޒިންދަގީ ކޭ” ގައި ލީޑު ރޯލު ކުޅޭ ޕާތު ސަމްތާން އެ ޝޯއިން ވަކިވާން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

އިތުބާރު ހިފޭ ފަރާތަކުން ރިޕޯޓުކޮށްފައިވާ ކަމަށްބުނެ ‘ޕިންކްވިލާ’ ގައި ލިޔެފައިވާ ގޮތުގައި އަނުރާގް ގެ ރޯލުން ޕާތު ވަކިވާން ނިންމީ އޭނާގެ ސިއްޙަތަށާއި، އެހެން ޕްރޮޖެކްޓުތަކަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ޕާތު ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެ ބަލިން ރަނގަޅުވެގެން، ކަސޯޓީގެ ޝޫޓިންގ އާ އަލުން ގުޅިފައިވަނީ ދާދިފަހުންނެވެ.

މީގެ ކުރިން ‘ޕިންކްވިލާ’ އަށް ދިން އިންޓަވިއުއެއްގައި، ބޮލީވުޑްގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ވާހަކަ ދެކެވެމުންދާ ކަމަށް ޕާތު ވަނީ ބުނެފައެވެ. “މި އަހަރު ފިލްމެއްގެ މަސައްކަތް ކުރުމުގެ ފުރުސަތު ވަރަށް ބޮޑު”، އޭރު ޕާތު ބުނެފައިވެއެވެ.

‘ޕިންކްވިލާ’ އިން އިތުރަށް ބުނާ ގޮތުގައި، ޕާތު ކަސޯޓީއާ ވަކިވާން އުޅޭތީ، ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވަނީ ޕާތު ހިފެހެއްޓޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ޕާތުގެ ނިންމުމަށް ބަދަލު ގެނެސްފައިނުވާ ކަމަށްވެއެވެ. އެހެނަސް، އެ ޝޯއާ އޭނާ އަލްވަދާޢު ކިޔާނީ ކޮން އިރަކުން ކަމެއް އަދި ޔަގީނެއް ނޫނެވެ.

ޕާތު ވަކިވުމުގެ ކުރިން އަނުރާގްގެ ރޯލަށް އެހެން އެކްޓަރަކު ހޯދޭތޯ ކަސޯޓީގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ‘ޕިންކްވިލާ’ ގައި ބުނެފައިވެއެވެ. އެހެނަސް އަދި އެ މަސައްކަތް ކާމިޔާބެއް ނުވެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ކަސޯޓީގެ މުހިއްމު ރޯލުތަކުން އެންމެ ފުރަތަމަ ފެނުނު ބައެއް އެކްޓަރުން ފަހުން ބަދަލުވެފައިވާ ކަމެވެ. އެގޮތުން ޝޯގެ ނުބައިބާ ކެރެކްޓާ ކަމަށްވާ ކޮމޮލިކާގެ ރޯލުން ފުރަތަމަ ހިނާ ޚާން ފެނިފައި މާ ގިނަ ދުވަސްތަކެއް ނުވެ ހިނާ ވަނީ އެ ޝޯއާ ވަކިވެފައެވެ. އެއަށްފަހު ކޮމޮލިކާގެ ރޯލު ކުޅެމުން އަންނަނީ އާމްނާ ޝަރީފެވެ. ހަމައެހެންމެ، ބަޖާޖުގެ ކެރެކްޓާ ކުޅެމުންދިޔަ ކަރަން ސިންގް ގްރޯވާ ލޮކްޑައުން އަށްފަހު ޝޯއާ ވަކިވުމުން ދެން އެ ރޯލު ލިބިފައިވަނީ ކަރަން ޕަޓޭލަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!