ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އަޅުގަނޑު މި މަސަތްކަތް ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު: ފައްޔާޒު

ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ އާއި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސަތްކަތް ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މެމްބަރުންގެ ސޮއި ހޯދަން މިހާރު ވަނީ ފަށާފައެވެ. އެ މައްސަލަ މަޖިލިހަށް ވެއްދުމަށް އެމްޑީޕީގެ ތިރީހަކަށް މެމްބަރުން ވަނީ ސޮއިކުރައްވައިފައެވެ.

ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ފައްޔާޒް ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅޭ ކަން އެނގިވަޑައިގަތީ އިއްޔެ ކަމަށާއި އެވަރުގެ ކަމެއް އޮތް ނަމަ، އޭނާއާ އެކަން ހިއްސާ ކުރައްވާނެ ކަމަށެވެ. 

 ފައްޔާޒު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރި މެމްބަރުންގެ އަދަދެއް ވެސް ނުބަލާ ކަމަށާއި އެކި އެކި ބޭފުޅުން ސޮއިކުރި ވާހަކަތަކެއް އަޑު އިވުނު ނަމަވެސް އޭގެއިން އެއްވެސް ބޭފުޅަކަށް ވެސް ނުގުޅުއްވާނެ ކަމަށެވެ.

“މިއީކީ އަޅުގަނޑުގެ ފައިޓެއް ނޫން. އަޅުގަނޑު ކުރަމުންދާ މަސައްކަތް އަޅުގަނޑު ކުރާނަން. އެމްޑީޕީގެ މެމްބަރުން ވިޔަސް އަދި އެހެން މެމްބަރުން ވެސް މަޖިލީހުގެ މެމްބަރުންނަށް އަޅުގަނޑު ބަހައްޓަން ނުފެންނަ ކަމަށް، އޭގައި އަޅުގަނޑުގެ މައްސަލައެއް އޮތަސް ނެތަސް މަޖިލީހަށް އެގޮތަށް ފެނިގެން އެ ވޯޓު ލައިފިއްޔާ އެކަން އެ ނިމުނީ. ތަގުދީރުގައި ލިޔެވިފައި އޮންނާނެ މިކަން އޮންނާނެ ގޮތް. އެކަމަކާ މާބޮޑު ކަންބޮޑުވުމެއް ނެތް” ފައްޔާޒު ވިދާޅުވިއެވެ.

އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާ އެކުގައި އަޅުގަނޑުގެ 24 ގަޑިއިރު ހޭދަކޮށްގެން މިދަނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ އާއި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް. އަޅުގަނޑަށް ވެވެން ހުރި ކަމެއް ކުރަން،” ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ތަކުރާރުކޮށް އޭނާ އަށް ގޯސްތަކެއް ހެދޭނަމަ އެކަން އޭނާއާ ވެސް ހިއްސާކުރާނެ ކަމަށާއި ނަމަވެސް އެކަހަލަ އެއްވެސް އިޝާރާތެއް އައިސްފައި ނުވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!