އެމްޑީޕީ ތެރޭގައި “ބްރޯ” ހެދިގެން ނޫޅުއްވުމަށް، އެ ޕާޓީގެ ރައިސް އަދި މަޖިލީހު ރައީސް މުހައްމަދު ނަޝީދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއަށް އިންޒާރެއް ދެއްވައިފި އެވެ.
ރައީސް ނަޝީދު މިނިސްޓަރ ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގްރޫޕްގައި ވިދާޅުވީ ފައްޔާޒް ގެ އިތުބާރުނެތް ކަމަށް 30 މެންބަރުން ސޮއިކުރެއްވުމުން ދެން ދިމާކުރާންވީ އެ މެންބަރުންނާއި ނޫންކަމަށާއި ފައްޔާޒްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅުއްވާ މެމްބަރުންގެ ދިފާއުގައި އެމަނިކުފާނު ނިކުމެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މިނިސްޓަރ ފައްޔާޒްއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
“ފައްޔާޒުގެ އިތުބާރު ނެތް 30 މެމްބަރުން [ސޮއި ކުރިކަމަށް] ބުނުމުން ދެން ދިމާ ކުރަންވީ އެ މެމްބަރުންނާ ނޫން. އަޅުގަނޑުވެސް މި ނުކުތީ[އިތުރުބާރު ނެތް ކަމުގެ މައްސަލައިގައި]،” ރައިސް ނަޝީދު ފޮނުއްވި މެސެޖްގައިވެ އެވެ.
“ފަޔާވެސް މި ޕާޓީތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ. ނިޒާމުތެރޭގައި އުޅުއްވާ، މި ފެންނަނީ ފަޔާ މީހުންނަށް ބޮޑު ދައްކައި ނުފޫޒް ފޯރުވައި ކޮންޓްރެކްޓްދީ ހުރިހައި ތަނަކަށް އަތްލާ ތަން. އެހެނެއް މިކަމެއް ނުވާނެ”
މީގެއިތުރުން ރައީސް ނަޝީދު ވަނީ މިނިސްޓަރ ފައްޔާޒް އިސްމާއީލް އިދިކޮޅު ޕީޕީއެމް މެދުވެރިކޮށް ކަންތައްތަކެއް ކުރައްވަން އުޅުއްވާ ކަމުގެ ތުހުމަތު ވެސް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވެގެން ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ވާހަކަފުޅު ދެއްކެވީ “ނިޔާ” ނަމަކަށް ކިޔާ ބޭފުޅެކެވެ. އަދި ޕީޕީއެމްގެ މީހުންނަށް ގުޅައިގެން “ގަތް ގަނޑު” މިނިސްޓަރ ފައްޔާޒްއަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެހެން ކަމުން އެމަނިކުފާން މިހެން ވިދާޅުވުމުން މިނިސްޓަރ ފައްޔާޒް ޖެހޭ ބަޔަކާ ޖެހެންވީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ރައީސް ނަޝީދު އެ ވިދާޅުވާ ނިޔާ އަކީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކަށް މިނިސްޓަރ ފައްޔާޒް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު އެމަނިކުފާނާއި ބެހޭ ގޮތުން ދައްކަވަނީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ހަގީގަތާއި ހިލާފް ދޮގު ވާހަކަތައް ނުދެއްކެވުމަށް އިހުތިރާމާއިއެކު އެދިވަޑައިގަންނަވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައިވާ އޮތް ގޮތަަކަށް ނިމިދާނެ. ހެޔޮ ބަސް ވިދާޅުވި ބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން،” ފައްޔާޒު ވިދާޅުވި އެވެ.