މެޑްޓެކާ ހަވާލުކުރި 50 ވެންޓިލޭޓަރު ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން ތަފާތު އެކި ކުންފުނިތަކަށް ހަވާލުކޮށްގެން ރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ ތެރެއިން މެޑްޓެކާ ހަވާލުކުރި 50 ވެންޓިލޭޓަރު ގެނެސްފި އެވެ.

އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު ބާކީ 14 ވެންޓިލޭޓަރު ގެނެސްފައިވާ ކަމަށާއި އެއާ އެކު އެ ކުންފުނިން ގެންނަން ހަވާލުވި 50 ވެންޓިލޭޓަރު ގެނެސް ހަމަވީ ކަމަށެވެ. އަދި މިއަދު ގެނައި ވެންޓިލޭޓަރުތައް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ހެލްތު މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ.

މެޑްޓެކާ ހަވާލުކޮށްފައި ވަނީ 50 އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށެވެ. އޭގެ ތެރެއިން މިދިޔަ މެއި މަހުގެ 10ވަނަ ދުވަހު 18 ވެންޓިލޭޓަރެއް ރާއްޖެ ގެނެސްފައިވާއިރު ޖުލައި މަހުގެ ދެވަނަ ދުވަހު އިތުރު ވެންޓިލޭޓަރުތަކެއް ވަނީ ގެނެސްފައެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ފެށި ތައްޔާރީތަކުގައި އެކި ކުންފުނިތަކުން 149 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކޮށްފައި ވެއެވެ. އެއީ ނާޑު ޕްރައިވެޓް ލިމިޓެޑް 24 ވެންޓިލޭޓަރު، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 50 ވެންޓިލޭޓަރާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރެވެ.

މީގެ ތެރެއިން މިހާތަނަށް ހުރިހާ ވެންޓިލޭޓަރުތަކެއް ގެނެސްފައި ވަނީ މެޑްޓެކުން އެކަންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!