ފޮޓޯ: މިހާރު

ފަތުހު ގުރޫޕާއި، ހިއްސާދާރުންގެ މައްޗަށް 6 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި

ހައްޖަށް ގެންގޮސް ދޭނެ ކަމަށްބުނެ މީހުން އަތުން ފައިސާ ނަގާ މީހުން ހައްޖަށް ނުގެންދިޔަ ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕު ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެމީހުން ހައްޖަށް ފޮނުވައިދިނުމަށް ދައުލަތުން ކުރި ޚަރަދު އަނބުރާ ދައުލަތަށް ދެއްކުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ، މިމައްސަލައިގައި ދަށުކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުމަށް ދައުލަތުން ހުށައެޅުމާއި ގުޅިގެން، އެމައްސަލާގައި ކަންހިނގާފައިވާ ގޮތްތަކުގެ މައްޗަށް ބެއްލެވުމަށް ފަހުގައެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ހައްޖަށް ނުގެންދިޔަ މައްސަލައިގައި 2014ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހު ފުލުހުން އެ ގްރޫޕުގެ ވެރިޔާ މުސްތަފާ މުހައްމަދުދީދީ ހައްޔަރުވެސް ކުރިއެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ފަހުން އޭނާ ދޫކޮށްލިއެވެ. 72 މީހެއްގެ އަތުން 5.6 މިލިއަން ރުފިޔާ ނެގުމަށް ފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލާގައި ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުސްތަފާގެ މަައްޗަށް ދައުލަތުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލިއެވެ.

މިމައްސަލައިގައި ދަށުކޯޓުން ނިންމި ބައެއް ކަންކަމަށް ހައިކޯޓުން ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން ދައުލަތުން ކުރި ޚަރަދު އަނބުރާދެއްކުމުގައި، ކުންފުނީގެ ހިއްސާދާރުން ޒިންމާއުފުލަން ޖެހޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. މިގޮތުން މިމައްސަލައިގައި، ޖުމުލަ 6،722،408.99ރ (ހަމިލިޔަން ހަތްލައްކަ ބާވީސްހާސް ހަތަރު ސަތޭކަ އަށްރުފިޔާ، ނުވަދި ނުވަލާރި) ހަމަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް، އަލްފަތުހު ހައްޖު އެންޑް އުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑާއި، އެކުންފުނީގެ ހިއްސާދާރުން ކަމުގައިވާ، ހ.ސިއްކަގޭ، ހުޅަނގުބައި، މަރްހަމް ރަޝީދާ އިބްރާހިމް އާއި، ދ މީދޫ މުޝްތަރީގޭ، މުހައްމަދު އަސްލަމް އާއި، މ.އެކްސެލް އިސްމާއީލް ސުވައިދު އާއި، މ.އެކްސެލް މުސްޠަފާ މުހައްމަދު ދީދީގެ މައްޗަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ފަތުހު ޖަމާއަތަށް ފައިސާ ދައްކައި ހައްޖަށް ނުދެވުނު 118 މީހަކު ހައްޖަށް ފޮނުވުމަށް، ޓިކެޓްޚަރަދާއި ހައްޖާއި ގުޅޭ އެހެން ޚަރަދުތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން، ޚަރަދުކޮށްފައިވާ 4،939،600.71ރ, (ހަތަރުމިލިޔަން ނުވަސަތޭކަ ތިރީސް ނުވަހާސް، ހަސަތޭކަ ރުފިޔާ ހަތްދިހަ އެއްލާރި) ފަތުހު ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ ކަމަށް ދަށުކޯޓުން ހުކުމް ކުރި އިރު، ހައްޖުވެރީން ހޮޓާތަކުގައި ބޭތިއްބުމުގެ ޚަރަދުގެ ގޮތުގައި، ދައުލަތުން ހޯދުމަށް އެދުނު، 1،782،808.28ރ (އެއްމިލިޔަން ހަތްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްރުފިޔާ އަށާވީސް ލާރި) ދައްކަން ނުޖެހޭކަމަށް ދަށުކޯޓުން ހުކުމްކުރި ނަމަވެސް ހައިކޯޓުން ހުކުމްކޮށްފައި ވަނީ އެފައިސާވެސް ދައްކަން ޖެހޭނެ ކަމަށެވެ. މިގޮތުން މިހުރިހާ ފައިސާއެއް ދެއްކުމަށް، އަލްފަތުހު ހައްޖު އެންޑް އުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑާއި އެކުންފުނީގެ ހިއްސާދާރުންނަށް، ހައިކޯޓުން ދީފައި ވަނީ، 13 އޮގަސްޓް 2020ން ފެށިގެން 6 މަސްދުވަހުގެ މުހުލަތެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!