ކޮވިޑް-19އިން ރައްކާތެރިވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކަށް، ގަވާއިދާ އެއްގޮތަށް އެކަންތައްތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް އޮޑިޓާ ޖެނެރަލްސް އޮފީހުން ބުނެފި އެވެ.
ކޮވިޑް-19ގެ ސަބަބުން މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު މިއަދު އާންމުކޮށްފައިވާއިރު މި ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅުގެން މިނިސްޓްރީގެ ޓްރަސްޓް ފަންޑް އިން ޚަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށާއި އެ ކަންކަން ކުރުމުގެ ޒިންމާއާ ޙަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް އެބަހުރި ކަމަށެވެ.
މީގެއިތުރުން ކޮވިޑް-19 އާ ގުޅޭގޮތުން ކޮށްފައިވާ ބައެއް ހަރަދުތައް ކުރުމުގައި މުދަލަށް އޯޑަރުކުރާ ފޯމު، އެ މުދަލެއް ގަތުމުގެ ކުރިން ފޮނުވާފައެއް ނުވެ އެވެ. އަދި އެ ފޯމުތައް ތައްޔާރުކޮށްފައި ވަނީ ތަކެތި ލިބި އެ ތަކެއްޗައް ފައިސާ ދައްކަންޖެހުމުންކަން އޮޑިޓް އޮފީހަށް ފާހަގަކުރެވުނު ކަމަށް ރިޕޯޓްގައިވެ އެވެ.
ބައެއް ހަރަދުތައް ކުރުމުގައި މުދަލަށް އޯޑަރުކުރާ ފޯމު ތައްޔާރުކުރުމުގެ ކުރިން މުދާ ގަންނަން އެދޭ ފޯމު ތައްޔާރުކޮށްފައި ނުވާކަންވެސް ފާހަގަކުރެވުނު ކަމަށާއި އެގޮތުން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު، ގަވާއިދާ އެއްގޮތަށް އެކަންތައްތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާކަމަށް ބެލެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ގަންނަން ބޭނުންވާ ތަކެއްޗަށް އޯޑަރުކުރުމަށްޓަކައި މުދަލަށް އޯޑަރުކުރާ ފޯމުގެ އަސްލާއި ތިން ކޮޕީ ތައްޔާރުކޮށް ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ އިސްވެރިޔަކު ސޮއިކޮށް އޯޑަރު ފޯމުގެ އަސްލު، ތަކެތި ވިއްކާ ފަރާތަށް ފޮނުވަންވާނެކަމަށާއި، ސޮއިކުރި ތިން ކޮޕީގެ ތެރެއިން އެއް ކޮޕީ، އެ ތަކެތި ގަތުމުގެ މަސައްކަތްކުރާ ފަރާތުގައި ބާއްވަންވާނެކަމަށާއި، އަނެއް ކޮޕީ، މުދާ ގެންނައިރު އައިސްފައި ވަނީ އޯޑަރުކުރި ތަކެތިތޯ ބެލުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް ހަވާލުކުރަންވާނެކަމަށާއި، އަނެއް ކޮޕީ، ހިސާބު ބަލަހައްޓާ ސެކްޝަނުގައި ބާއްވަންވާނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައި ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން، މުދާ ގަތުމަށް އޯޑަރުކުރާ ފޯމު ތައްޔާރުކުރަން ވާނީ ފުރިހަމަކުރެވިފައިވާ މުދާ ގަންނަން އެދޭ ފޯމެއް އޮވެގެންކަމަށާއި، ގަންނަން އެދިފައިވާ އެއްޗަކީ އެ ތަނަކަށް ހޯދަންޖެހޭ އެއްޗެއްކަމަށް އެކަމަށް އެދުނު ޑިޕާޓްމަންޓެއްގެ ވެރިއެއްގެ ސޮއި އޮތް ލިއުމެއް އޮންނަންވާނެ ކަމަށް ވެސް އެ ގަވާއިދު ގައި ބަޔާންކޮށްފައިވެ އެވެ.