ގައުމެއްގެ ވެރިކަން އެއްފަހަރާއި ދެމީހަކަށް ނުކުރެވޭނެ: ރޮޒައިނާ

ގައުމެއްގެ ވެރިކަން އެއްފަހަރާއި ދެމީހަކަށް ނުކުރެވޭނެ ކަމަށާއި އަދި އެކަން ކުރާނަމަ ނިކުންނާނީ ހުސް ގޯސް ނަތީޖާ ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަަމް ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރޮޒައިނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިނުމަށް ފަހު ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ނިސްބަތްވާ ޕާޓީއަށް މަޖިލީހުން 65 ގޮނޑި ދީފައި ވަނީ އުނދަގުލަކާއި ނުލާއި މެނިފެސްޓޯގައިވާ ކަންކަން ހާސިލުކުރުމަށް ކަމަށެވެ. އަދި އެމްޑީޕީއަށް ރައްޔިތުން ވޯޓު ދިނީ އިދިކޮޅު ޕާޓީއަށް ހެދިގެން ރައީސް ޖެއްސުން ކުރަން ނޫން ކަމަށް ވިދާޅުވި އެވެ. 

ރޮޒައިނާ ވިދާޅުވީ، ގައުމެއްގެ ވެރިކަން އެއްފަހަރާ ދެމީހުންނަށް ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރަން އުޅޭނަމަ، ނުކުންނާނީ ހުސް ގޯސް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

“އަޅުގަނޑު ޕާޓީ ފުނޑާކަށް ނޫޅެން، އަދި އަޅުގަނޑު ކަހަަލަ ނިކަމެތި މީހަކަށް މި ޕާޓީއެއް ނުފުޑޭނެ. އެކަން ކުރެވޭނީ ބޮޑުންނަށް. ތި މެސެޖް ރައްދު ކުރަން ޖެހޭ މީހާއަށް ކުރޭ. އަހަރެން މިހުރީ ޕާޓީގެ ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތުގައި،” އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ބަހުގެ ހަމަލާތަކެއް ރައްދުކޮށް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވަނީ މިކަމާ ގުޅިގެން އިތުރު އެހެން ޓްވީޓްތަކެއް ވެސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ ކުރި އަރުވަން “ވެހުނުހާ ވާރެއެއްގައި، ދިން އައިވެއްގައި” ހަތް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ، ހުރިހާ މެމްބަރުންގެ ޕާޓީއެއް ކަމަށާއި ޕާޓީގެ ކަންކަމަށް އެންމެންނަށްވެސް ގޮތް ކިޔޭނެ ކަމަށެވެ.

ރޮޒައިނާ ރައީސް ނަޝީދަށް ނުސީދާ ބަހުގެ ހަމަލާތަކެއް ދެއްވި އިރު، އެމަނިކުފާނު އިސްވެ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް އެމްޑީޕީ ތެރެއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެއާއެކު ޕާޓީ ތެރޭގައި ބައިބައިވުން ވަނީ އުފެދިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!