ޓްރެފިކް ޖޫރިމަނާގެ ބަދަލުގައި ކޮމިއުނިޓީ ސަރވިސް ކުރަން އެންގުމުގެ އިޚްތިޔާރު މީރާއަށް ދެނީ

ޖޫރިމަނާގެ ޢަދަދު -/10,000ރ. އަށް ވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖްތަމައަށް ފައިދާ ކުރަނިވިކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީއަތަށް ހުށައެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ކޮމިޓީން ހުށައަޅައިފިއެވެ.

މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލު ދިރާސާކޮށް ނެރެފައިވާރިޕޯޓުގައި ގިނަ ކަންތައްތަކެއް ހުށައަޅާފައިވެއެވެ. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އެއްވެސް ފަރާތަކުން އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާކަމެކެވެ. އަދި ޚިލާފުވާ ފަރާތެއްގެ އުޅަނދެއް ހިފަހައްޓައިފިނަމަ، އެފަރާތެއް ޖޫރިމަނާކުރުމަށް ހުށައަޅާފައިވެއެވެ.

އެގޮތުން ފުރަތަމަ ފަހަރަށް ނަމަ 500 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެކަން ތަކުރާރުކޮށްފިނަމަ ވާނެގޮތް ބުނެދީ ނަސޭހަތްތެރިވުމަށް ކޮމިޓީ ރިޕޯޓުގައިވާއިރު ދެވަނަ ފަހަރަށްނަމަ 750 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ އުޅަނދު ދުއްވިމީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 48 ގަޑިއިރަށް ހިފެހެއްޓޭނެއެވެ. އަދި 48 (ސާޅީސް އަށެއް) ގަޑިއިރަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެ ނަމަ ކޯޓު އަމުރެއްގެ ދަށުން އެ މީހެއްގެ ލައިސަންސް ހިފެހެއްޓިދާނެ ކަމަށް ވެސް ރިޕޯޓުގައި ހުށައަޅާފައިވެއެވެ.

ތިން ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1000ރ. އިން ޖޫރިމަނާކުރުމާ އެކު، އެ ފަރާތެއް ދުއްވާ އުޅަނދު، 15 ދުވަހުގެ މުއްދަތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދެވިދާނެ ކަމަށް ވެސް ވަނީ ހުށައަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!