ވަކާލާތުކުރުމުގެ ހުއްދަ ދިނުމަށް އޮންލައިންކޮށް ތަމްރީން ޕްރޮގުރާމު ހިންގާ އުސޫލު އާންމުކޮށްފި

އޮގަސްޓު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޤާނޫނު ޑިގުރީއެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ވަކާލާތުކުރުމުގެ ހުއްދަ ދޫކުރުމުގެ ގޮތުން ޚާއްޞަ ތަމްރީނެއް އޮންލައިންކޮށް ހިންގުމާ ގުޅޭ އުޞޫލު އެކުލަވައިލާ ބާ ކައުންސިލުން މިއަދު ސަރުކާރު ގެޒެޓުގައި ޝާއިޢުކޮށްފިއެވެ. 

ބާ ކައުންސިލުން އެކުލަވައިލާ އާންމުކުރި މިއުސޫލަކީ ޤާނޫނޫ ފަންނުގެ ޤާނޫނަށް ރައްޔިތުން މަޖިލިހުން ގެނައި އިސްލާހު ފާސްކުރުމާ ގުޅިގެން ތައްޔާރުކުރި އުޞޫލެކެވެ. އެއުޞޫލުގެ ދަށުން ކުރިއަށްގެންދާ ތަމްރީނަކީ އެއް މަސްދުވަހުގެ ޕްރޮގުރާމެކެވެ. މިޕްރޮގުރާމު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. 

މިޕްރޮގުރާމަކީ މިހާރު ކިޔަވައި ނިންމުމަށްފަހު ހުވައިނުކުރެވި ތިބި ލޯޔަރުންނަށް ހުވައިކުރެވޭނެ ގޮތެއް ހަމަޖެއްސުމުގެ ގޮތުން ހިންގާ ޕްރޮގުރާމެކެވެ. މިޕްރޮގުރާމުގައި ކިޔަވައިދިނުމަށް ނިންމާފައިވަނީ 5 ދާއިރާއަކުންނެވެ. އެގޮތުން މޯލްޑިވިއަން ލީގަލް ސިސްޓަމާއި، ޖިނާއީ އިޖުރާއާތާއި، މަދަނީ އިޖުރާއާތާއި، ޑްރާފްޓުކުރުމުގެ ހުނަރުތަކާއި، ޤާނޫނީ ފަންނުގެ އަޚުލާޤު ކިޔަވައިދޭނެއެވެ. 

މިޕްރޮގުރާމުގައި މާކުސްދޭނީ ހަވާލުކުރާ މަސައްކަތްތަކަށް 60 މާކްސް އަދި ޕްރޮގުރާމު ނިންމުމަށްފަހު ދޭ ޓެސްޓަށް 40 މާކުސް ދޭ އުޞޫލުންނެވެ. އެގޮތުން ޕްރޮގުރާމުން ފާސްވާނީ މަސައްކަތު ބައަށް ކަނޑައެޅިފައިވާ މާކުސްގެ 50 ޕޮއިންޓު އަދި ޓެސްޓުން 20 ޕޮއިންޓު ލިބިގެންނެވެ. މިއިމްތިޙާނަކީ އޯޕަން ބުކް އިމްތިޙާނެއް ކަމުގައިވެސް މިއުޞޫލުގައި ބުނެފައިވެއވެެ. އަދި އިމްތިޙާނު ކުރިއަށް ގެންދިއުމާއި އިމްތިޙާނު އެކުލަވައިލުމުގެ އެންމެހައި ކަމެއް ކުރާނީ މިކަމަށް ބާ ކައުންސިލުން ކަނޑައަޅާ ޗީފް އެގްޒަމިނަރެކެވެ. 

އަދި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި ބާ ކައުންސިލުގެ ޢާންމު މެންބަރުންގެ ތެރެއިން ޢައްޔަންކުރާ 3 މެންބަރެއްގެ މައްޗަށް އިމްތިޙާން ކޮމިޓީއެއް އެކުލަވައިލާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!