ހަނިމާދޫގައި ބޭއްވި ފުރަތަމަ ސްޓްރީޓް ސޮކަރ ކަޕްގެ ޗެމްޕިއަންކަން ތާޓީ ޕްލަސްއަށް

އެމް23 ސްޕޯޓްސްގެ ފަރާތުން އިންތިޒާމް ކޮށްގެން “އެމް23 ސްޕޯރޓްސް ސްޓްރީޓް ސޮކަރ ކަޕް 2020” ގެ ނަމުގައި ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ޓީމް ތާޓީ ޕްލަސްއިން ކާމިޔާބު ކޮށްފިއެވެ.

ހަނިމާދޫ ކުޅިވަރު ބިމުގައި ހެދިފައިވާ ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ތާޓީ ޕުލަސް އަދި ޝީލްޑެވެ.

ހަވީރު 16:45 ގައި ފަށައިގެން ކުރިއަށް ގެންދެވުނު މި މެޗުގެ ފުރަތަމަ މިނެޓްގައި ތާޓީ ޕްލަސް ޓީމުންވަނީ ލަނޑުޖަހާ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ކެޕްޓަން ހަސަން ޒިޔާދުއެވެ. ލަނޑަށް ފަހު ޝީލްޑުން ވަނީ ޓީމް ކުރިއަށް ޖައްސައި ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.

މިގޮތުން އެ ޓީމުން ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ އެ ޓީމުގެ އަބޫބަކުރު ސިއްދީޤު ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމުގެ ޖޯޒީ ނަމްބަރ 12 ހުޒާމް އަބްދުލްރަހީމް ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމު އެއްވަރު ވެގެންނެވެ.

ފަހު ހާފު ފަށައިގެން ޝީލްޑުން ޓީމް ކުރިއަށް ޖައްސައި ގޯލެއްޖަހަން މަސައްކަތް ކުރި ނަމަވެސް ތާޓީ ޕްލަސް ޓީމުން ވަނީ މުޅި ފަހު ހާފުގައި ވެސް ވިސްނުންތެރިކަމާއި އެކު ޑިފެންސްކޮށްފައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރު ވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ކޮންމެ ޓީމަކުންވެސް ތިން ޕެނަލްޓީ ޖެހިއިރު، ހަމައެކަނި ކާމިޔާބުވީ ތާޓީ ޕުލަސްގެ ޖޯޒީ ނަމްބަރ 34  އާދަމް އިބުރާހިމް (ބޮންޑު) ޖެހި ޕެނަލްޓީއެވެ. އެ ޕެނަލްޓީއާއި އެކު ތާޓީ ޕްލަސްއަށް ޗެމްޕިއަން ކަން ލިބިފައިވަނި 2-1 ގެ ނަތީޖާއިން ޝިލްޑުގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތާޓީ ޕުލަސް ޓީމަށް މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިން ހަސަން ޒިޔާދެވެ. 

މި މުބާރާތުގެ ރަނަރަޕް ޓީމަށް ޝީލްޑް ހޮވިފައިވާއިރު އެ ޓީމަށް ތަށްޓާއި މެޑަލް ހަވާލު ކޮށްދެއްވީ މައްސޫދު އާދަމެވެ. ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ހަވާލު ކޮށްދެއްވީ ބުރޭކް ޓައިމް ގެ ފަރާތުން ސައީދު އިބްރާހީމެވެ.

މި މުބާރާތުގައި ޗެމްޕިއަން ޓީމް އަދި ރަނަރަޕް ޓީމްގެ އިތުރުން ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!