އުސޫލުތަކާއި ހިލާފަށް ހިންގާ ވިޔަފާރިތަކުގެ މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތްކުރަމުން: ޝިފާ

މާލޭގެ އެކި ތަންތަނުގައި އުސޫލުތަކާއި ހިލާފަށް ހިންގާ ވިޔަފާރިތަކުގެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޭޔަރ ވިދާޅުވީ ކުރިން މާލޭގައި ވިޔަފާރިއެއް ކުރާނަމަ އެފަދަ ކަމެއް ކުރަން އިކޮނޮމިކް މިނިސްޓްރީން ހުއްދަދެނީ ސިޓީ ކައުންސިލުން ފާސްކުރުމަށްފަހު ވަކި ޝަރުތުތަކެއް ހަމަވާނަމައެވެ. ނަމަވެސް މިފަހުން ވިޔަފާރި ރަޖިސްޓަރ ކުރުމަށް އޮންނަ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ގެނައި ބަދަލާއިއެކު ސިޓީކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި ވިޔަފާރިތައް ހުޅުވަމުންދާކަމަށް ސިފާ ވިދާޅުވިއެވެ.

އަދި މިފަދަ ވިޔަފާރިތައް ހިންގުމުގައި ޤާނޫނާއި ހިލާފަށް ބޭރު މީހުން ކޭޝިއަރުންގެ ގޮތުގައިވެސް ބައިތިއްބާފައި ތިބޭކަމަށް ސިފާ ވިދާޅުވިއެވެ. އަދި މިފަދަ ތަންތަނުގައި ސިއްހީ ގޮތުންނާއި އެހެން ގޮތްގޮތުން ގިނަ މައްސަލަ ހުރިކަން ފާހަގަވެފައިވާކަމަށެވެ.

މޭޔަރ ވިދާޅުވީ ކައުންސިލްގެ ބޭނުމަކީ ތަންތަން ބަންދުކުރުން ނޫންކަމަށާއި ނަމަވެސް މިފަދަ ތަންތަނުގައި ހުރި މައްސަލަތައް ހައްލުކުރުން ކަމަށެވެ. ސިފާ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ކަމާބެހޭ އެކި އިދާރާތަކުން ތަންތަން ބަލާ ފާސްކުރުމަށް ކުރި މަސައްކަތުގެ ދަށުން އެއްވެސް ގޮތަކަށް ވިޔަފާރި ރަޖިސްޓަރނުކޮށް ހިންގަމުންދާ ތަންތަންވެސް ފާހަގަވެފައިވާކަމަށެވެ. އަދި މިގޮތުން ސިއްހީ ގޮތުންނާއި، އެހެން ގޮތް ގޮތުން އުސޫލުތަކަށް ނުފެތޭ 116 ތަނެއް އެބަހުރިކަން ފާހަގަވެފައިވާކަމަށް ސިފާ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ކުދި މާރުކޭޓާއި އެފަދަ ތަންތަން ހުރުމުން އާންމުނަށް ފަސޭހަތަކެއް ވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!