ވަގުތީހިޔާގައި ތިބި 13 މީހުންގެ ކަންކަން އަމިއްލައަށް ހަމަޖެއްސަން އަންގައިފި

  • ކޮވިޑް-19 އާ ގުޅިގެން ވަގުތީ ހިޔާތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ފަރާތް ތަކުގެ ތެރެއިން މިވަގުތު ވަގުތީހިޔާގައި ތިބީ 1 ޢާއިލާއަކަށް ނިސްބަތްވާ 13 މީހުން ކަމަށާއި އެމީހުންނަށް، އެމީހުން ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ހަމަޖެއްސުމަށް އަންގާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ.
  • މި އެއް ޢާއިލާއަށް ނިސްބަތްވާ 13 ފަރާތުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ހެދި އެސެސްމަންޓްތަކަށް ރިޢާޔަތްކުރާއިރު، މި ފަރާތްތަކުގެ އިޤުތިސާދީ ޙާލަތު ބަދަލުވެފައިވާތީއާއި ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމަށް ނިންމައިފައިވުމުން، މި ފަރާތްތައް ރަށަށް ދިއުމަށް އުޒުރުވެރިވުމުން، ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ހަމަޖެއްސުމަށް އެތައް ފަހަރެއްގެ މަތިން އެ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖެންޑަރ މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން، މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ޓަކައި މާލެ ސަރަޙައްދު ފުރަބަންދުގެ ޙާލަތަށް ގެނައުމާ ގުޅިގެން އަސާސީ ޙައްޤުތަކުން (ކާބޯތަކެތި، އަންނައުނު، ބޯހިޔާވަހިކަން) މަޙްރޫމުވެފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ އަދި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް ޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މެދުވެރިކޮށް އެ ފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ ގޮތުން މާލެ ސަރަޙައްދު ފުރަބަންދުކުރުމާ ގުޅިގެން 253 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު އެއީ 103 ފިރިހެނުންނާއި 144 އަންހެނުން އަދި އެއްމަސް ނުފުރޭ 6 ތުއްތު ކުދިން ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ ފަރާތްތައް ނިސްބަތްވާ ރަށްރަށަށް ދިއުމަށް ނުވަތަ އެ ފަރާތްތައް އަމިއްލައަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަގުތު ދިނުމުގެ ގޮތުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްކަން އެ ފަރާތްތަކަށް ކުރިން އެންގުމަށްފަހުގައި ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ ފަރާތެއް ނިސްބަތްވާ ރަށަށް ދިއުމަށް ކޮންމެ ފަރާތަކުން ވެސް އެއްބަސްވުމުން ކަމަށެވެ.

އެގޮތުން މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނު 13 ފަރާތެއް ފިޔަވައި އެހެން ހުރިހައި ފަރާތެއް ހޯމް ކަރަންޓީނުވުމަށް އެ ފަރާތް ނިސްބަތްވާ ރަށެއްގައި ނުވަތަ ދާއިމީ ހިޔާވައްސެއްގައި އިންތިޒާމުކުރެވިފައި ވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!