އާދަމް ހަލީމްގެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދޭން އެދިއްޖެ

އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ) މައްޗަށް ކުރެވޭ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތަކުގެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ފުލުހުންގެ އިދާރާގައި އެދިއްޖެއެވެ.

ހަލީމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ބަލައި ދިނުމަށް އެދި 73 ނޫސްވެރިއަކު ވަނީ ރާއްޖޭގެ ބައެއް އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. 19 މީޑިއާއެއްގެ ނޫސްވެރިން ސޮއިކޮށް އެ ޕެޓިޝަން ހުށަހެޅީ ރައީސް އޮފީހަށާއި، މޯލްޑިވިސް މީޑިއާ ކައުންސިލް، މިނިސްޓްރީ އޮފް ޖެންޑާ، ހޯމް މިނިސްޓްރީ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް އަދި މޯލްޑިވްސް ޕޮލިސް ސާވިސް އަށެވެ.

މިކަމާ ގުޅިގެން އެމްއެމްސީން މިއަދު ބުނީ ދިވެހި ހީވާގި އަންހެން ނޫސްވެރިން މިއަދާ ހަމައަށްވެސް ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދައްކާފައިވަނީ ތައުރީފު ހައްގު ނަމޫނާ މަސައްކަތެއް ކަމަށާއި އެހެންކަމުން އެ ފަރާތްތަކަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ އެއްވެސް ބާވަތެއްގެ އަމަލެއް ހިންގުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އާދަމް ހަލީމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް ނޫސްވެރިންގެ ފަރާތުން ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާކަން އެނގިފައިވާ ކަމަށާއި އެގޮތުން އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދި އިއްޔެ ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށްވެސް އެމްއެމްސީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!