މެޑިކާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި މެޑިކާ މުވައްޒަފަކު ވެސް ހިމެނިއްޖެއެވެ.

 އެނގިފައިވާ ގޮތުގައި، ކޮވިޑް-19 އަށް ފައްސިވީ މެޑިކާގެ ރޭޑިއޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ބިދޭސީއެކެވެ. މިއީ މެޑިކާ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ ފަހަރެވެ.

މެޑިކާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެމީހާއަކީ މީގެ 14 ދުވަސް ކުރިން، ކޮވިޑް-19 ޖެހިގެން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ މީހެއް ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުވެގެން މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އެއީ ރޭންޑަމް ސާމްޕަލިންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެއް. މި ހޮސްޕިޓަލްގެ ތެރެއިން ވި ކަމެއް ނޫން. އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވީމަ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަން ވާނީ ޑިސްއިންފެކްޓްކޮށްފައި،” އޮފިޝަލް ވިދާޅުވިއެވެ.

ފާމުދޭރި މަގުގައި ހުންނަ މެޑިކާ ހޮސްޕިޓަލަކީ މަލްޓިސްޕެސަލިޓީ ހޮސްޕިޓަލެކެވެ. ތަޖުރިބާކާރު ގިނަ ޑޮކްޓަރުންތަކެއް އެތަނުގައި ބަލިމީހުން ބައްލަވައެވެ.

ރާއްޖެ އިން މިހާތަނަށް 5366 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރެއިން 2884 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!