ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން 25 މެމްބަރުންގެ ސޮއި ހޯދައިފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން 25 މެމްބަރުންގެ ސޮއި ހޯދައިފިއެވެ.

ޖިލީސް މެމްބަރަކު ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް 25 މެމްބަރަކު ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުން ކަމެއް ވިދާޅެއް ނުވެއެވެ. ފައްޔާޒުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދަން ސޮއި ހޯދަން އުޅޭ ވާހަކަތައް މީޑިއާގައި ތިލަވުމާ އެކު، އޭނާގެ ދިފާއުގައި މަޖިލިސް މެމްބަރުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ވަނީ ޝުއޫރުފާޅުކޮށްފައެވެ.

އެކަމަކު މި މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕް ގައި އަދި މިހާތަނަށް ރަސްމީ ސިފައެއްގައި މަޝްވަރާ ކުރެވިފައެއް ނުވާކަން ވަނީ އެނގިފައެވެ. އަދި އެފަދަ ނިންމުމެއް ނިންމާނެ ތާރީހެއް ވެސް އަދި ނޭނގެއެވެ. މައުލޫމާތު ދިން މެމްބަރު ވިދާޅުވީ، ރައީސް ނަޝީދު ބޭނުންފުޅު ވަނީ ވީހާވެސް އަވަހަކަށް އެ މައްސަލަ މަޖިލީހަށް ވެއްދުމަށެވެ.

ބައެއް މީޑިއާތަކުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވެފައިވަނީ، އިތުބާރު ގެއްލޭ ފަދަ ކަމެއް މިހާތަނަށް ކުރައްވާފައިވާ ނުވާ ކަމަށެވެ. ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އެމްޑީޕީން ނިންމައިފިނަމަ މި ވެގެންދަނީ މި ސަރުކާރުގައި ހިމެނޭ އެމްޑީޕީ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ނަގާ ފުރަތަމަ ފަހަރަށެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދަން ބޭނުންވަނީ 10 މެމްބަރުންގެ ސޮޔެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!