ފޮޓޯ: ގޫގުލް

ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ 50 އަށް ވުރެ ގިނަ ސަފާރީއަށް

ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ 50 އަށް ވުރެ ގިނަ ސަފާރީއަށް ޓޫރިޒަމް މިނިސްޓްރީ އިން ދީފި އެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނާ ގޮތުން އޮގަސްޓް 12 ދުވަހާ ހަމައަށް 58 ސަފާރީ އަކުން ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ މިނިސްޓްރީ އިން ވަނީ ދީފަ އެވެ. 

އެގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލުމާއި އެކު އެ މަހު އެކަނި ވެސް 14 ސަފާރީއަކަށް ހިދުމަތްދިނުމުގެ ހުއްދަ ދީފައި ވާއިރު، ބޯޑަރު ހުޅުވާލި ދުވަހު ވެސް ހަތަރު ސަފާރީއަކުން ވަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ފަށާފަ އެވެ. 

އޮގަސްޓް މަހުގެ މިހާތަނަށް 44 ސަފާރީއަކަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވާއިރު، ހުއްދަ ދެވުނު ސަފާރީ ތަކުގެ ތެރެއިން އަދި ހިދުމަތްދޭން ނުފަށާ ހަތް ސަފާރީ އެބައޮތެވެ. 

އޭގެ ތެރެއިން ތިން ސަފާރީއަކުން އޮގަސްޓް 15 ވަނަ ދުވަހު ހިދުމަތްދޭން ފަށާއިރު، 17 ވަނަ ދުވަހު އިތުރު ސަފާރީއަކުން ވެސް ހިދުމަތްދޭނެ ކަމަށް އެންބީއޭއެމް އިން ބުނެ އެވެ. އަދި އޮގަސްޓް 20 ވަަނަ ދުވަހު ވެސް ސަފާރީއަކުން ހިދުމަތްދޭން ފަށާނެ ކަަމަށާއި، 22 ވަނަ ދުވަހު އަދި 25 ވަނަ ދުވަހު ވެސް ސަފާރީ އަކުން ހިދުމަތްދޭން ފަށާނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ. 

ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަކަށް ފެތޭ ސަފާރީތަކަށް ހުއްދަ ދޭއިރު، އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ޑިކްލަރޭޝަން ފޯމް އެއް ހުށައަޅަންޖެހެ އެވެ. އަދި ސަފާރީގެ އޮޕަރޭޓިން ލައިސަންސް އާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމް ވެސް މިނިސްޓްރީ އަށް ހުށައަޅަންޖެހެ އެވެ. އޭގެ އިތުރުން ސަފާރީ އިން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭންއެއް ވެސް މިނިސްޓްރީ އަށް ހުށައަޅަންޖެހެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!