އެމްޓީޑީސީގެ އަހަރީ ޢާއްމު ޖަލްސާ މިމަހުގެ 29 ގައި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްޓީޑީސީއިން ބުނީ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ 29 އޮގަސްޓް ވާ ހޮނިހިރު ދުވަހުގެރޭ 2100 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ ފަހިވޯޓް މެދުވެރިކޮށްކަމަށެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 23 ގެ ކުރިން އެމްޓީޑީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިއަހަރުގެ އަހަރީ އާންމު ޖަލްސާ އޮންލައިންކޮށް ބާއްވާތީ ހުރިހައި ހިއްސާދާރުންވެސް މިމަހުގެ 28ގެ ކުރިން ރަޖިސްޓްރީކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އެމްއެސްޑީގެ އޮންލައިން ސިސްޓަމް “އިންފިނިޓީ” ޕޯޓަލް މެދުވެރިކޮށް އަދި ފޯމު ހުށައަޅައިގެންވެސް ރަޖިސްޓްރީވެވޭނެއެވެ.

އެއްވެސް ހިއްސާދާރަކަށް ޖަލްސާގައި ބައިވެރިވެވެންނެތްނަމަ ބަދަލުގައި އެހެން ފަރާތެއް ފޮނުވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ބަންދުނޫން ކޮންމެ ދުވަހަކު އެމްޓީޑީސީގެ މައި އޮފީހުން އަދި އިންފިނިޓީ ޕޯޓަލް މެދުވެރިކޮށްވެސް ޕްރޮކްސީ ފޯމު ހުށައެޅުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިންގާ ޤަވައިދަށް ބައެއް އިސްލާހުތައް ގެނައުމަށް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 2019 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި ރިޕޯޓް ފާސްކުރުމާއި، 2020 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން އައްޔަންކުރުންވެސް ވަނީ އެޖެންޑާކޮށްފައެވެ. އަދި ހިއްސާދާރުންނަށް ބަހާނެ ފައިދާއާއިމެދު ގޮތެއް ނިންމުންވެސް އޮންނާނެއެވެ.

އެމްޓީޑީސީން ހާމަކުރާގޮތުގައި ހުސްވި އަހަރު އެކުންފުންޏަށް ވަނީ މާލީގޮތުން ރަނގަޅު ފައިދާއެއް ލިބިފައެވެ. މިއާއެކު މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 10 ރުފިޔާގެ ހިއްސާއަކަށް 50 ލާރި ބެހުމަށް އަހަރީ އާއްމު ޖަލްސާއަށް ހުށައަޅަން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

އެމްޓީޑީސީން އާއްމުކޮށްފައިވާ 2019 ވަނަ އަހަރު މާލީ ރިޕޯޓުގައިވާގޮތުން އެއަހަރުތެރޭ ކުންފުނިން ވަނީ މާލީގޮތުން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އަހަރު ނިމުނުއިރު ކުންފުންޏަށް 1.2 މިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!