ފޮޓޯ: ރާއްޖެއެމްވީ

ޔާމީން ދައްކަންޖެހޭ ފައިސާ ހޯދަން މީރާއަށް ލިޔެކިޔުންތައް ފޮނުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީސް ބުނީ މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށުން، ޔާމީން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން ނޮވެންބަރު 28 ،2019 ގައި ހުކުމްކޮށްފައިވީ ނަމަވެސް، އެ މުއްދަތުގެތެރޭގައި ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައިނުވާތީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް، ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް މިދިޔަ އަންގާރަ ދުވަހު ފޮނުވާފައިވާނެ ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ބުނެއެވެ.

އެޓަނީ ޖެނެރަލް އޮފީހުން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!