ދަރަނި މެނޭޖްކުރުމަށް ކޮމަންވެލްތުގެ އެންމެފަހުގެ ސިސްޓަމް ރާއްޖޭގައި ބޭނުންކުރަން ފަށަނީ

ރާއްޖޭގެ ދަރަނި މެނޭޖްކުރުމަށް ކޮމަންވެލްތުގެ އެންމެ ފަހުގެ ސިސްޓަމް ބޭނުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތްތަކާއި ގުޅެގޮތުން ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޕްރޮޖެކްޓް ޑިރެކްޓަރ އަބްދުﷲ ހަސަން ވިދާޅުވީ، ރާއްޖޭގެ ދަރަންޏާއި ކޭޝް މެނޭޖްމަންޓް ދާއިރާ އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ކުރަމުންދާކަމަށެވެ. އެގޮތުން ޕްރޮފެޝަނަލްކޮށް ދަރަނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމުގެގޮތުން މިއަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ފިނޭންސް މިނިސްޓްރީގައި އޮންނަ ޑިވިޝަންއަކީ ހަމައެކަނި އެކަމަށް ޙާއްސަ ޑިވިޝަންއަކަށް ހަދާފައިވާކަމަށެވެ.

އަބްދުﷲ ހަސަން ވިދާޅުވީ ދަރަނި މެނޭޖްކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ދަރަނި މެނޭޖްކުރުމަށް ކޮމަންވެލްތުގެ އެންމެ ފަހުގެ ސިސްޓަމްކަމަށްވާ މެރީޑިއަން ސިސްޓަމަށް ރާއްޖެ ދިއުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

“މިހާރު އަޅުގަނޑުމެން ދަރަނި މެނޭޖްކުރަން ބޭނުންކުރާ ސިސްޓަމަކީ ކޮމަންވެލްތުގެ ސިސްޓަމެއް. އެއީ ސީއެސްޑީއާރުއެމްއެސް. ކޮމަންވެލްތް ސެކްރެޓޭރިއޭޓް ޑެޓް މެނޭޖްމަންޓް ސިސްޓަމް. މި ސިސްޓަމަކީ ވަރަށް ކުރީއްސުރެ ފެށިގެންވެސް ބޭނުންކުރަމުންއައި ސިސްޓަމެއް. މިފަދަ ޤާބިލް ސިސްޓަމްތަކެއްގައި ދަރަނީގެ ހިސާބު މިވަގުތު ބަލަމުން މިދަނީ. ކުރިއަށްއޮތް ތަނުގައި މި ސިސްޓަމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިހާރު ކޮމަންވެލްތުން ނެރެ ޓެސްޓުކޮށް އަދި ރޯލްއައުޓް ކުރަމުންދާ ސިސްޓަމް ކަމަށްވާ މެރީޑިއަން ސިސްޓަމް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިބަލަނީ މިއަހަރު ތެރޭގައި ކޮމަންވެލްތް ސެކްރެޓޭރިއޭޓް ކުރީގެ ސިސްޓަމުން މިހާރުގެ ސިސްޓަމަށް ދެވޭތޯ.” އަބްދުﷲ ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމަންވެލްތުގެ ފަހުގެ ސިސްޓަމް ބޭނުންކުރަން ފެށުމަކީ މާލީ ކަންތައްތައް ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ރަނގަޅު ފިޔަވަޅަކަށް ވެގެންދާނެކަމަށެވެ. މިއަހަރުގެ ތެރޭގައި މިކަން ހާސިލްކުރުމަކީ އަމާޒެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!