ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 10 ގައި!

އެކެޑެމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދެވަނަ ޓާމްގެ ކިޔެވުން އަންނަ ޖަނަވަރީ މަހު ފަށައި ޖޫންގެ ނިޔަލަށް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާ ތާވަލު ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދި އާންމު ކުރި އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހު ތިނެއްގަ އެވެ. ފުރަތަމަ ޓާމަށް 198 ދުވަސް ދެ އެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު ޖެނުއަރީ 12 އިން 24 ޖޫން އަށެެވެ. ދެވަނަ ޓާމްގައި ކިޔަވައިދޭނީ 113 ދުވަހު އެވެ.

މި ބަދަލާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރު ފަށާނީ 10 އޮގަސްޓުގަ އެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަންނަ އަހަރު މެދަށް ގެންދަން ނިންމާފައި ވަނީ ސްކޫލްތައް ބަންދުކޮށް ދަރިވަރުންގެ ކިޔެވުން މެދުކެނޑިފައިވާތީ އެވެ. އަންނަ އަހަރު މެދު ތެރެއަށް ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައި ވާއިރު މި ބަދަލު ދާއިމީ ކުރުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހިޔާލު ހޯދަން ހުޅުވާލައިފަ އެވެ.

ކޮވިޑްގެ ސަބަބުން ސްކޫލްތައް ބަންދު ކުރީ މިދިޔަ މާޗްް މަހު އެވެ. އަދި އަލުން ސްކޫލްތައް ވަނީ މިދިޔަ މަހު ހުޅުވާލާފަ އެވެ. ނަމަވެސް މާލެ ސިޓީގައި ކިޔަވައިދިނީ ގްރޭޑް 9 އިން 12 އަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!