ރާއްޖޭގެ ޖުމްލަ ރިޒާވްގައިހުރީ 702 މިލިއަން ޑޮލަރު ކަމަށް ދައްކައިފި

ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް 152 މިލިއަން ޑޮލަރު ހުރިއިރު، ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު ހުރީ 702.4 މިލިއަން ޑޮލަރު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޭނުން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކޮށްލެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި މިހާރު ހުރީ 152.6 މިލިއަން ޑޮލަރެވެ. ނަމަވެސް މެއި މަހު ޔޫޒަބަލް ރިޒާވްގައި 200 މިލިއަން ޑޮލަރު ހުއްޓެވެ.

ރާއްޖޭގެ ޖުމްލަ ރިޒާވްގައި މެއި މަހު 836.9 މިލިއަން ޑޮލަރު ހުރި ނަމަވެސް ޖޫން މަސް ނިމުނުއިރު ރިޒާވްގައި ހުރީ 702.4 މިލިއަން ޑޮލަރެެވެ. މިއީ މެއި މަހާ ބަލާއިރު 16 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާނަމަ ހަތަރު ޕަސެންޓަށް ރިޒާވް ވަނީ މަތިވެފަ އެވެ.

ރާއްޖޭގެ ޖުމްލަ ރިޒާވް ހުރި މިންވަރު ވޭތުވެ ދިޔަ ހަތް އަހަރު ދުވަހަށް ބަލާނަމަ އެންމެ ބޮޑަށް ދަށްވެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރު މަސް އަދި 2017 ގެ ޖެނުއަރީ މަހު އެވެ. އަދި 2017 ގެ މެއި މަހާއި އޮކްޓޫބަރު މަހު އެވެ. މިދިޔަ ހަތް އަހަރު ދުވަހު ޖުމްލަ ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ފަހަރު ރިޒާވް 343.50 މިލިއަން ޑޮލަރަށް ޖުމްލަ ރިޒާވް ވެއްޓިގެން ދިޔަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރިޒާވަށް އަސަރު ކުރާ މިންވަރު ވަނީ މަތިވެފަ އެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެންމެ ފަހުން ބޮޑު ދަށްވުމެއް އައިސްފައިވަނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ރިޒާވް 150 މިލިއަން ޑޮލަރަށް ވެއްޓުނެވެ. ރާއްޖެ އަށް ބޭނުން ޖެހޭ ހާލަތުގައި ބޭނުން ކުރެވޭ ރިޒާވްގައި އާއްމު ގޮތެއްގައި ހުންނަނީ ތިނެއް މަސް ނޫނީ ދެ މަހުގެ އެކްސްޕޯޓަށް ބޭނުންވާ ވަރަށް ފައިސާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!