ސަންޖޭގެ ސިއްޙަތާ ގުޅޭގޮތުން އަންހެނުން މާންޔަތާ ދަތު ނެރުނު ބަޔާން

އަންގާރަ ދުވަހު ގިނަ ބަޔަކު ހައިރާންކޮށްލީ، ބޮލީވުޑް އެކްޓަރު ސަންޖޭ ދަތަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާކަމުގެ ޙަބަރާއެކުގައެވެ. އެއާއެކު ސަންޖޭއަށް ހެޔޮއެދޭ އެތައް ބަޔަކު ވަނީ އަވަސް ޝިފާއަކަށް އެދި މެސެޖުކޮށްފައެވެ. ފުއްޕާމޭގެ ތިންވަނަ ސްޓޭޖު ކެންސަރު ޖެހިފައިވާކަން ޚުދު ސަންޖޭ ޔަގީންކޮށް ނުދިނަސް، އިއްޔެ ކުރި ޓްވީޓެއްގައި ސަންޖޭ ވަނީ ސިއްޙީ ކަމަކަށް ފަރުވާކުރަން ވެގެން ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގާކަން އިއުލާނުކޮށްފައެވެ. އަދި ސަންޖޭގެ އަންހެނުން މާންޔަތާ ދަތު ވަނީ މިއަދު އެކަމާ ގުޅިގެން ބަޔާނެއް ނެރިފައެވެ.

މާންޔަތާގެ ބަޔާނުގައި ވަނީ ސަންޖޭއަށް ހެޔޮދުއާ ކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްދީފައެވެ. އަދި މި އުނދަގޫ ދަނޑިވަޅުން އަރައިގަނެވޭނީ އެންމެންގެ ހެޔޮދުއާ ލިބިގެން ކަމަށް ބުންޏެވެ. “އަހަރެމެންގެ އާއިލާއަށް މިދިޔަ އަހަރުތަކުގަ ކުރިމަތިވެފަ ވަނީ ވަރަށް އުނދަގޫ ކަންތައްތަކެއް. އަދި މިކަމުން ވެސް އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރަނީ”، މާންޔަތާ ބުންޏެވެ.

މީގެ އިތުރުން މާންޔަތާ ބުނީ، ބައެއް މީޑިއާތަކުން ފަތުރާ ދޮގު ވާހަކަތައް ގަބޫލު ނުކުރުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. “އަހަރެމެން ބޭނުންވަނީ ތި އެންމެންގެ ލޯތްބާއި ތާއީދު”. ހަމައެހެންމެ މާންޔަތާ ބުނީ ސަންޖޭ އަކީ އަބަދުވެސް ވަރަށް ހިތްވަރުގަދަ މީހެއް ކަމަށެވެ. އަދި އެންމެންގެ ހެޔޮދުއާއާއެކު އެ އާއިލާ އެކަމުން “މޮޅު ވާތަން ފެންނާނެ” ކަމަށް ބުންޏެވެ.

މާންޔަތާގެ ބަޔާނުގައި ވެސް، ސަންޖޭއަށް ޖެހިފައިވަނީ ކެންސަރުކަން ސީދާ ބުނެފައެއް ނުވެއެވެ. ނަމަވެސް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދުމަށް ސަންޖޭ އަންނަނީ ބޭރު ޤައުމަކަށް ފުރަން ތައްޔާރުވަމުންނެވެ. ބައެއް ރިޕޯޓުތަކުން ބުނަނީ ފަރުވާއަށް ސަންޖޭ ދާން އުޅެނީ އެމެރިކާއަށް ކަމަށެވެ. އަދި ފަހަރުގައި ސިންގަޕޫރަށް ގޮސްފާނެ ކަމަށްވެސް އެހެން ރިޕޯޓުތަކުން ބުނެއެވެ.

ސަންޖޭ، 61، ގެ ކުރިއަށް އޮތް ފިލްމު “ސަޅަކް 2” ގެ ޓްރެއިލާ މިއަދު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!