ރައީސް ސޯލިހުގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އޮވޭ: ޖޭޕީ

އަބަދުވެސް މަަސައްކަތް ކުރަމުންދާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓަން ކަމަށާއި ރައީސް ސޯލިހުގެ ކެބިނެޓަށް ފުރިހަމަ އިތުބާރެއް ކުރާ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގެ ގޮތުން ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާ މި ދަނޑިވަޅުގައި ޖޭޕީން ބުނީ، އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައީސް ސޯލިޙުގެ ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ. އެގޮތުން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ރައީސް ކުރައްވާ މަސައްކަތްތަކަށް ޖޭޕީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް އެ ޕާޓީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޖޭޕީން އިތުރަށް ބުނީ، ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލައިގައި މިހާތަނަށްވެސް އެ ޕާޓީއާ އެއްވެސް ފަރާތަކުން މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ރައީސް ސޯލިޙުގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އަބަދުވެސް އޮންނަ ކަމަށާއި، ކަމެއް ގޯސްކޮށް ދާނަމަ އެކަމެއް ހާމަ ކުރާނެ ކަމަށް ބުނެފައިވެއެވެ.

ފައްޔާޒުއަށް އިތުބާރުކުރައްވާ ކަމަށް ވިދާޅުވި މެމްބަރުންގެ ތެރޭގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް މާލީ އަލީ ނިޔާޒު އާއި، މީދު ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަދި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގްނީ އާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!