ކޮވިޑަށް ޕޮޒިޓިވް 334 މީހަކު ނުގެންދެވި ގޭގައި

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 334 މީހަކު އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި ގޭގައި އެބަ ތިބި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒުލާ ރަފީގް ވިދާޅުވީ، އައިސޮލޭޝަން ފެސިލިޓީތަކަށް އެ މީހުން ނުގެންދެވިފައި ވަނީ ތަފާތު އެކި ސަބަބުތައް މެދުވެރި ވެގެން ކަމަށެވެ. އަދި މިރޭގެ ނިޔަލަށް 334 މީހަކު ފެސިލިޓީތަކަށް ނުގެންދެވި ގޭގައި އެބަތިބި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ނަޒްލާ ކުރިން ވިދާޅުވީ މަންމަ ޕޮޒިޓިވް ވުމުން ދަރިފުޅު އެކަނި ބަހައްޓާފައި ނުދާން ތިބި މީހުނާއި، ދަރިފުޅު ޕޮޒިޓިވް ވުމުން މައިންބަފައިންގެ ޓެސްޓްގެ ނަތީޖާ ލިބެން ދެން މަޑުކޮށްގެން ތިބި މީހުން ވެސް ފެސިލިޓީތަކަށް ނުގެންދެވިވާ ކަމަށެވެ. އަދި އާއިލާގެ އެހެން މީހުން ތިބި ފެސިލިޓީއަކަށް ދާން މަޑުކޮށްގެން ތިބި މީހުން ވެސް ހިމެނޭ ކަމަށެވެ.

ނަޒުލާ ވިދާޅުވީ، އެ އެންމެން ވެސް ވަރަށް އަވަހަށް ފެސިލިޓީތަކަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ކޮންމެ ދުވަހަކު ވެސް ފެސިލިޓީތަކަށް ނުގެންދެވި ތިބި މީހުންގެ ތެރެއިން ގެންދަން އިސްކަން ދޭން ޖެހޭ މީހުން އެ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރެވޭ ކަމަށް ނަޒުލާ ވިދާޅުވި އެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް މިހާތަނަށް ނުވަ ރިސޯޓެއްގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބަނޑޮހާއި އެރިޔަދޫއާއި ފަން އައިލެންޑް އާއި ރޯޔަލް އައިލެންޑް އާއި މެދުފުއްޓާ ފިލިތެޔޮ ވެސް ހިމެނެ އެވެ. އަތޮޅުތަކުގެ އެހެން ބައެއް ރިސޯޓުތަކާއި މަރުކަޒުތަކުގައި ވެސް ފަރުވާދެވޭ ގޮތް ހަމަޖައްސާފައިވެ އެވެ.

ކޮވިޑަށް ފަރުވާ ދޭން ހާއްސަކޮށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ވެސް 250 މީހުންގެ ޖާގަ އޮވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!