ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު އަކީ އެންމެންވެސް އެންމެ ގަޔާވާ އެއް އެކްޓަރެވެ. އަހަރެއްގެ މައްޗަށް އެތައް ފިލްމެއް ނެރޭ މި ކުޅަދާނަ އެކްޓަރު މިހާރު ވަނީ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ލިސްޓަށް އަރާފައެވެ.
ފޯބްސް މެގަޒިން އިން ނެރޭ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ އަހަރީ ލިސްޓުގައި އަކްޝޭ ހިމެނިފައިވަނީ 6 ވަނަޔަށެވެ. އެގޮތުން އެކި ކަހަލަ ޕރޮޑަކްޓް ތަކަށް އަކްޝޭއަށް އަހަރެއްގެ މައްޗަށް 48.5 މިލިއަން ޑޮލަރު ލިބެއެވެ. ފޯބްސް އިން ބުނެފައިވާ ގޮތުގައި މި އަދަދަކީ އޭނާގެ ޓެކްސް އަށާއި އެޖެންޓް ފީ، މެނޭޖާ ފީ އާއި ލޯޔަރުންނަށް ދޭ ފީތައް ނުލައި ލިބޭ އަދަދެވެ.
މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ހޮލީވުޑްގެ އެކްޓަރުން ކަމުގައިވާ ޑްވޭން ޖޮންސަން، ރިއާން ރޮނަލްޑްސް، މާކް ވޯލްބާގް، ބެން އެފްލެކް އަދި ވޭން ޑީސަލްއެވެ.
އަކްޝޭ މިހާރު ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި “އަތުރަންގީ ރޭ” އާއި “ބެލް ބޮޓަމް” އާއި “ބައްޗަން ޕާންޑޭ” އާއި “ޕްރިތުވީރާޖް” ގެ އިތުރުން އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް “ދި އެންޑް” ހިމެނެ އެވެ.