ޖޫން 14 ގައި ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގާ ސީބީއައި އިން ހަވާލުވި ފަހުން، ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއާ ވަނީ އެކި ފަހަރު މަތިން ސުވާލުކޮށްފައެވެ. އެގޮތުން ރިއާ ދާދިފަހުން ތަހުގީގަށް ކިޔައިދިނީ، ސުޝާންތުގެ ނަފްސާނީ މައްސަލަތައް ފެށުނު ކަމަށް ބެލެވޭ ހިސާބެވެ.
26 އަހަރުގެ އެކްޓްރެސް ތަހުގީގަށް ކިޔައިދިން ގޮތުގައި، ސުޝާންތުގެ ކިބައިން ނަފްސާނީ ކަންތައްތަކެއް ފެންނަން ފެށީ އެ ދެމީހުން އެކުގައި އިޓަލީއަށް ކުރި ދަތުރުގެ ތެރެއިންނެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށް ރިއާ ބުންޏެވެ.
ކުރެހުމާއި ފަންނުވެރިކަމަށް ލޯބިކުރި ސުޝާންތު، ލޯބިވެރިޔާ ރިއާއާއެކު އިޓަލީގައި ހުރި މިއުޒިމަކަށް ކުރި ޒިޔާރާތުގައި އެތާހުރި ކުރެހުމެއް ފެނިގެން ވަރަށް ބިރުގަތް ކަމަށް ރިއާ ބުންޏެވެ. އަދި އެ ކުރެހުން ފެނުމާއެކު ސިހި، ހިންދޫ ދީނުގައި ކިޔައި އުޅޭ ‘ހެޔޮ އެއްޗެހި” ތައް ކިޔަން ފެށި ކަމަށްވެސް ރިއާ ބުންޏެވެ.
“އަހަރެން އުޅުނިން އޭނަ ހަމައަކަށް އެޅުވޭތޯ. އެކަމަކު އެ ކުރެހުމުން ސުޝާންތަށް ވަރަށް އަސަރުކުރި. އޭގެފަހުން އޭނަ ވަރަށް ބޮޑަށް ބަދަލުވިކަން އަހަންނަށް ފާހަގަވި” ރިއާ ކިޔައިދިނެވެ.

އެ ކުރެހުމަކީ، މަޝްހޫރު ސްޕެނިޝް އާޓިސްޓު ފްރެންސިސްކޯ ގޯޔާ ކުރަހާފައިވާ އެއްޗެކެވެ. ކުރެހުމުގައި ދައްކުވައިދެނީ ގްރީކް މިތިލޮޖީގެ ‘ޓައިޓަން ކްރޯނަސް’، އޭނާގެ ރަސްކަން ގެއްލިދާނެ ކަމުގެ ބިރަށް އަމިއްލަ ދަރިފުޅު ކައިލާ މަންޒަރެވެ. ނަމަވެސް މި ކުރެހުމުން ސުޝާންތައް އެހާ ބޮޑު އަސަރެއް ކުރި ސަބަބެއް ރިއާ ކިޔައެއް ނުދެއެވެ.
ރިއާ އިތުރަށް ކިޔައިދިން ކަންތައްތަކުގެ ތެރޭގައި، އިޓަލީ ދަތުރުގައި އެދެމީހުން މަޑުކޮށްގެން ތިބީ 600 އަހަރުވީ ހޮޓަލެއްގައި ކަމާއި، އެތަނުގެ އާދަކާދައާއި ފަންނުގެ މުއްސަނދިކަމުން ސުޝާންތު ވަރަށް ބޮޑަށް އާޝޯހުކޮށްލި ކަމަށް ބުންޏެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ، ސުޝާންތުގެ އުޅުމަށާއި ސިއްހަތަށް ބަދަލު އައިސްފައިވަނީ ޔޫރަޕު ދަތުރަށްފަހުގައި ކަމަށް، ސުޝާންތުގެ ގޭގައި ކުރިން މަސައްކަތް ކުރި އަޝޯކް ވެސް ބުނެފައިވާ ކަމެވެ.