ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅުނު 80 މީހަކު ޖޫރިމަނާ ކޮށްފި

ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅުނު 80 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ ކާފިއުގެ ވަގުތުގައި ގައިޑްލައިނާ ހިލާފުވި 80 ފަރާތެއް ޖޫރިމަނާ ކޮށްފައިވާއިރު 120 މީހަކަށް ނަސޭހަތް ދީފައިވާ ކަމަކަމަށެވެ. މި ގަޑީގައި ބޭރުގައި އުޅެގެން މިހާތަނަށް ޖުމްލަ 311 މީހުން ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މާސްކު ނާޅައި އުޅޭ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ފަށާފައެވެ.

މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވާއިރު، އެޗްޕީއޭ އިން ބުނީ އާންމު ތަންތަނުގައި މާސްކު އަޅާއިރު އަނގައާއި ނޭފަތް އަދި ދަތްދޮޅި ނިވާވާން ވާނެ ކަމަށެވެ.

ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!