ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި މިނިސްޓާރ ފައްޔާޒް އަށް ތާއީދުކޮށް އަޑު އުފުލަން ފަށައިފިއެވެ. މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންވެސް ވެސް ވަނީ މިނިސްޓާރ ފައްޔާޒަކީ އިތުބާރު އޮތް ބޭފުޅެއްކަމަށް ވިދާޅުވެ އެކަން ފާހަގަ ކޮށްފައެވެ.
އެގޮތުން މެމްބަރު ރޮޒައިނާ ޓްވީޓް ކުރެއްވި ގޮތުގައި މިނިސްޓާރ ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ހީވާގި އެއް ވަޒީރެވެ.
ގިނަބަޔަކު ވަނީ މިނިސްޓާރ ފައްޔާޒުގެ އިތުބާރު ނެއްކަމުގެ ވޯޓް ނަގަން ނުޖެހޭނެ ކަމަށާއި ފުރިހަމަ އިތުބާރު އޮތް ކަމަށް ބުނެފައިއެވެ. ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބްވެސް ވަނީ މިފަދައިން ޓްވީޓް ކުރައްވާފައެވެ.
މިފަދަ ދަނޑިވަޅެއްގައި ސަރުކާރު އޮނިގަޑު ރޫޅާލަން މަސައްކަތް ކުރުމަކީ ގޯސްކަމެއް ކަމަށް ސިފަކޮށް މަޝްހޫރު ވިޔަފާރިވެރިއެއް ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ.
މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މިނިސްޓާރ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ. އަދި އެކޮނޮމިކް މިނިސްޓަރަށް އެބޭފުޅާގެ އިތުބާރު އޮތްކަން ހާމަ ކޮށް ވަނީ ޓްވީޓް ކުރައްވާފައެވެ.
ބައެއް މީހުން ވަނީ ފާއްޔާޒުގެ އިތުބާރު ނެއްކަމުގެ ވޯޓް ނެގުމުގެ ބަދަލުގައި މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ގޮވާލާ ނުރުހުން ފާޅުކޮށްފައެވެ.
އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ މެމްބަރުން މަސައްކަތް ފެއްޓެވިޔަސް، އިތުބާރު ގެއްލޭ އެއްވެސް ކަމެއް މިހާތަނަށް މި ސަރުކާރުގައި ހުންނަވައިގެން ކުރައްވާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވަނީ ވިދާޅުވެފައިއެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
މެމްބަރުން ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރުވެސް 22 މެމްބަރުން ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާނީ 10 މެމްބަރުންގެ ސޮޔެވެ.
ސޯޝަލް މީޑިޔާގައި ވާ ޓްވީޓެއްގައި ވާގޮތުން މިނިސްޓަރ ފައްޔާޒަށް ދޭ ކޮންމެ ހަމަލާއަކީ ރައީސް ސޯލިހް އަށް ދޭ ހަމަލާއެކެވެ. އަދި އިތުބާރު ނެތް ކަމަށް ބުނެ ނަގާ ވޯޓަކީ ސަރުކާރު ވައްޓާލަން ހިންގާ ބަގާވަތެއް ގޮތުގައި ސިފަކޮށް އާންމު ފަރާތަކުން ޓްވީޓް ކޮށް، މަޖިލީސް ރައީސް އާއި މެދު ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި އެކަން ކުރަނީ ހިޔުމަން ޓްރެފިކިންގ މައްސަލަ ހައްލު ކުރާތީ ތޯ ވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލު ކުރަމުންނެވެ.
މިނިސްޓާރ ފައްޔާޒަކީ ރައީސް ސޯލިހް އެންމެ އިތުބާރު ކުރައްވާ، އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އަދި އެންމެ ހިންގުންތެރި އެއް ވަޒީރެވެ.
މިނިސްޓާރ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނުގަބޫލެއެވެ. އަދި އެކަމާއި ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.