ނުހައްގު މުއްސަނދިކަން ހޯދުމުގެ ކުށް ހިމަނާ ގާނޫނުލްއުގޫބާތު އިސްލާހު ކުރަން ނިންމައިފި

ނުހައްގު މުއްސަނދިކަން ހޯދުމުގެ ކުށް ހިމަނާ ގާނޫނުލްއުގޫބާތު އިސްލާހު ކުރަން ނިންމައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ކޮރަޕްޝަންގެ އިތުރު ކުށްތައް ހިމެނުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވެ އެފަދަ އަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވެ، ޒަމާނީ ވަމުންދާ ދަނޑިވަޅެއްގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައިވާތީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ކޮރަޕްޝަނާގުޅޭ މުއާހަދާއަށްވެސް ރިއާޔަތްކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް މިޒަމާނަށް ފެތޭގޮތަށް ބަދަލުކޮށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އެ ކުށްތައް ހިމެނުމަށްޓަކައި ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެގޮތުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އަލަށް އިތުރުކުރުމަށް ހުށަހަޅާ ކުށްތަކަކީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށެވެ. އަދި ރިޝްވަތު ދިނުމާއި ހިފުމުގެ ކުށުގެ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މިހާރު އެކުލެވޭ ކުށް އިސްލާޙުކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

އޭޖީ އޮފީހުން ބުނީ ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށަކީ ދައުލަތުގެ މުވައްޒަފުންނަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާބަލާއިރު އެމީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެންނުވާ ނުވަތަ ހޯދުނުގޮތް ބަޔާންކޮށްނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށްޓަކައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން އެކުށް ކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

މިއީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ. ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނުމަށްޓަކައި، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ސަރުކާރުގެ ފަރާތުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. އެހެންނަމަވެސް،އެ ބިލުގެ މަސައްކަތް ފުރިހަމަނުކުރެވި ވަނިކޮށް އެ މަޖިލީހުގެ އުމުރު ހަމަވުމާއެކު އެ ބިލުގެ މަސައްކަތް ނިމުމަކަށް އައީއެވެ. އޭގެ ފަހުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ކޮރަޕްޝަންގެ އެހެން ކުށްތައްވެސް ހިމެނޭގޮތުން އެ ބިލު އަލުން އެކުލަވާލުމަށް ނިންމީ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ގާނޫނުލްއުގޫބާތަށް އިތުރުކުރުމަށް ހުށަހަޅާ ދެވަނަ ކުށަކީ، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ހިޔާނާތުގެ ކުށެއް މިހާރުވެސް ހިމެނުނު ކަމުގައިވީ ނަމަވެސް އެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނެނީ ދައުލަތުގެ މުވައްޒަފަކު ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ވަކި ކުށެއްގެ ގޮތުގައި ނޫން ކަމަށްވާތީ ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި ދައުލަތުގެ މުދަލާއި ފައިސާގެ ނަހަމަ ބޭނުންކުރުމާއި ދައުލަތުގެ ފައިސާ،ދައުލަތުގެ މުވައްޒަފެއްގެ އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް ފައިސާއިން އަގުކުރެވޭ އެހެން އެއްޗަކަށް ބަދަލުކޮށް އޭގެ އަސްލު ބަދަލުކުރުން ހިމެނޭގޮތުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ވަކި ކުށެއް އިތުރުކުރުމަށް ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ނުފޫޒުން ވިޔަފާރިކުރުމުގެ ކުށަކީ ދައުލަތުގެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން އޭނާއަށް ނުވަތަ އެހެން މީހަކަށް ދައުލަތުގެ އެ މުވައްޒަފު މަސައްކަތްކުރާ އިދާރާއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުވަތަ ފައިދާއެއް ނުވަތަ ލުޔެއް ހޯދައިދިނުމުގެ މުގާބިލުގައި އޭނާއަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ދިނުމަށް ވައުދުވުން ނުވަތަ ދިނުމަށް ހުށަހެޅުން ނުވަތަ އެފަދަ މަންފާއެއް ހޯދުމަށް އެދުން ނުވަތަ ގަބޫލުކުރުން ނުވަތަ ގަބޫލުކުރުމަށް އެއްބަސްވުމެވެ.

މި ކުށްތައް ކަނޑައެޅުމަށް ހުށަހަޅާފައިވާނީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އޭގެ ތެރެއިން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ފަނޑިޔާރަކު ކޮށްފިނަމަ އެ ކުށަކީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!