ބިދޭސީން ވަޒީފާ އަދާ ކުރުމާބެހޭ ގަވާއިދެއް އެކުލަވާލާ އެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުން މިއަދު އާއްމު ކުރި “ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު” ހަދާފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނު ދަށުންނެވެ. ވަޒީފާ އަދާ ކުރުމަށް ބިދޭސީއަކު ދިވެހިރާއްޖެ އަށް ގެނައުމުގެ ކުރިން، އެ ބިދޭސީއަކަށް ވަޒީފާ ދިންކަން އެންގުމަށްޓަކައި، ވަޒީފާދޭ ފަރާތުން “ލެޓާ އޮފް އެޕޮއިންޓްމަންޓް” އެ ބިދޭސީއަކާ ހަވާލު ކުރަން ޖެހެ އެވެ. މި ގަވާއިދުގައިވާ ގޮތުން ބިދޭސީއަކު ވަޒީފާ އިން ވަކި ކުރުމުގައި އަމަލު ކުރަން ވާނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ހުއްދަތައް ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާނީ، ދިވެހިރާއްޖެ އަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ “އެކްސްޕެޓް ސިސްޓަމް” މެދުވެރިކޮށެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދެވޭނީ، ބިދޭސީން
ވަޒީފާއަށް ގެނައުމަށްޓަކައި މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށްފަހުއެވެ.
ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހެޅުމުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ދޫކުރެވޭނީ، ކޯޓާ ފީގެ ގޮތުގައި 12( ބާރަ މަސް ދުވަހުގެ މުއްދަތަށް ދެހާސް ރުފިޔާ، އިކޮނޮމިކް މިނިސްޓްރީއަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުން ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.