ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ވެސް ފްރޮންޓްލައިނުގައި މަސައްކަތް ކުރާ މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތަކަށް އިނާޔަތް ދިނުމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ މެމްބަރަކު ސުވާލު ކުރެއްވުމުން އަމީން ވިދާޅުވީ ފްރަންޓްލައިނުގައި ހަރަކާތްތެރިވާ ފަރާތްތައް ވަނީ ގިންތި ކުރެވިފައި ކަމަށާއި އެ ހުރިހާ ފަރާތްތަކަކަށް ވެސް އިނާޔަތް ލިބޭނެ ކަމަށެވެ.
އަމީން އެ ސުވާލަށް ޖަވާބު ދެއްވުމުން މަޖިލީހުގެ ރައީސް ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައި މަޖިލީހުގެ މެމްބަރުން ފްރަންޓްލައިން ވޯކަރުންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ނުގެންދެވި ނަމަ މި ނިޒާމުތައް މިގޮތަށް ފުރޮޅެމުން ނުދިޔައީސް ކަމަށެވެ.
“ކޮވިޑްގެ ފްރޮންޓްލައިން ވޯކަރުންގެ ގޮތުގައި ހަމަކަށަވަރުން ވެސް އަޅުގަނޑު ތި އިއްޒަތްތެރި މެމްބަރުން ބަލައިގަންނަން. އަދި ތިބޭފުޅުން ފްރޮންޓްލައިން ވޯކަރުންގެ އެލަވަންސްއެއް ނޫން ހޯއްދެވީ. އޭގެއިން މުސާރައިން ބައެއް މަދު ކުރެއްވި. އެހެންވީމަ އަދި އަޅުގަނޑު ތިބޭފުޅުންނަށް ފަށް ފަށުން ޝުކުރު ދަންނަވަން،” ނަޝީދު ވިދާޅުވި އެވެ.