އަމާޒަކީ ޓާޝަރީ 5 ހޮސްޕިޓަލް މިއަހަރު ނިންމުން: މިނިސްޓަރ އަމީން

މާލެއަށް ސިއްހީ ހިދުމަތް ތޮއްޖެހިފައި އޮތުން ބަދަލު ކުރުމުގެ ގޮތުން އަތޮޅުތަކުގެ ފަސް ސަރަހައްދެއްގައި ތަރައްގީ ކުރަން މި ސަރުކާރުން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްތަކުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމަން ވަރަށް ބޮޑަށް ހިތްވަރު ކޮށްގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެލްތު މިނިސްޓަރ ޙާޒިރުކޮށް ބައެއް ރަށްރަށުގެ ސިއްޙީ ވަސީލަތްތައް ހަމަކުރުމާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ސިއްޙީ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ރައިސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކަށީގެންވާ ބަދަލުތަކެއް އަތޮޅުތަކަށް ގެނެސް ވަރަށް ބާރު މިނުގައި އެ މަސައްކަތްތައް މިދިޔަ އަހަރު ފަށާފައިވާކަމަށެވެ.

އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ 5 ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ސަރަހައްދުތަކަށް ބޭނުންވާ ވަސީލަތްތަކާއި މެޝިނަރީތަކުގެ 90 އިންސައްތަ ހަމަކުރެވިފައިވާކަމަށެވެ. އަދި އެތަންތަނަށް ބޭނުންވާ މުވައްޒަފުންގެ ގިނަ ބަޔަކު ހަމަކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެސަރަހައްދުތަކަށް ގެންނަންޖެހޭ ޢުމްރާނީ ތަރައްޤީގެ މަސައްކަތް މިދިޔަ އަަހަރު ފަށާފައިވާކަންވެސް ހެލްތު މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ކުރިން އަމާޒުކުރީ މިއަހަރުގެ މެދުތެރެއާއި ހަމައަށް ދާއިރު އެވަސީލަތްތައް ޤާއިމްކޮށް ފަސް ޓާޝަރީ ހޮސްޕިޓަލަށް ޢަމަލީ ސިފައެއް އަންނާނެނަކަމަށެވެ. ނަމަވެސް ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ލަސްތަކެއް ކުރިމަތިވީނަމަވެސް މިއަހަރުގެތެރޭގައި އެ ހޮސްޕިޓަލްތައް ނިންމުމަށް އަމާޒުހިފާފައިވާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާ 5 ހޮސްޕިޓަލަކީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!