މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން

ކޮވިޑް-19 އާ ގުޅިގެން ހާލަތަށް ބޭނުންވާ މިންވަރުގެ ވަސީލަތްތައް އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި ވަސީލަތްތަކާ ބެހޭގޮތުން އަމީންއާ ސުވާލު ކުރައްވައިފަ އެވެ. އަދި ރާއްޖެއިން ބޭރުން ގެންނަން އޯޑަރު ދިން ވެންޓިލޭޓަރުތަކާ ބެހޭގޮތުން ވެސް ބައެއް މެމްބަރުން ސުވާލު ކުރެއްވި އެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީން ވިދާޅުވީ، ރާއްޖޭގެ ޙާލަތަށް ބަލައި ސިއްޙީ ވަސީލަތްތައް ހޯދުމަށް ލިސްޓެއް ތައްޔާރުކުރެވުނުކަމަށާއި، އެ ލިސްޓްގައިވާ ވަރަށް ގިނަ ތަކެތި މިހާރު ލިބިފައި ވީނަމަވެސް އަދިވެސް ހުރިހާ ވަސީލަތްތައް ހަަމަނުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިތަކެތި ހަމަކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް، ހާލަތަށް ބަލާއިރު ރައްޔިތުންނަށް މިވަގުތަށް ބޭނުންވާ މިންވަރަށް ސިއްޙީ ވަސީލަތްތައް ހުރިކަން ކަށަވަރުކޮށްދޭ ކަމަށެވެ.

“އަޅުގަނޑުމެންގެ ނޭޝަނަލް ރިކުއަރމަންޓްގެ ލިސްޓެއް ހެދި އެލިސްޓްގައި ހުރި ވަސީލަތްތައް ހެދުމުގެ މަސައްކަތްފަށާ އެ ހުރިހާ ވަސީލަތްތައް ހަމަކުރެވިފައެއްނުވޭ. ނަމަވެސް އެޢަދަދަށް ތަކެތި ހަމަކުރުމަށް އެޙާލަތަށް އަންނަ ބަދަލާގުޅިގެން އަވަހަށް ކުރަންޖެހޭ ކަންކަން ކުރަމުންދަނީ. ވެންޓިލޭޓަރުވެސް އެންމެ ފުރަތަމަ ރިކުއަރކުރި ޢަދަދަށް ހަމައެއްނުވޭ. އެހެން ވަސީލަތްތައްވެސް އެ އަދަދަށް ހަމައެއްނުވޭ. ވަސީލަތްތައް ހޯދުމުގަ ގޮންޖެހުންތަކެއް ދިމާވި. ނަމަވެސް މިވަގުތު މިހާރު އޮތްޙާލަތަށް ބޭނުންވާ ވަރަށް އަޅުގަނޑުމެންގެ އަތުގައި ވަސީލަތް އެބަހުރި.” މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއަހަރު ސިއްޙީ ދާއިރާއާއި ކުރިމަތިލީ ވަރަށް ބޮޑު އުއްމީދަކާއެކުކަމަށާއި، ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްކަމަށެވެ. ނަމަވެސް އެމަސައްކަތްތައް ފަށައިގަނެ އެތައް ވަސީލަތްތަކެއް ރާއްޖެ ގެނެވިފައިވަނިކޮށް ކޯވިޑްގެ ޙާލަތާއި ބައްދަލުކުރުމުން ވަަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެގޮތުން ވަސީލަތުގެ ގޮތުންނާއި ސިއްޙީ މަރުކަޒަށް ބޭނުންވާ ފަންނީ މީހުން ހޯދުމުގައިވެސް ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރިކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!