މާސްކް އެޅުން މަޖުބޫރުކުރީ އިތުރު ލޮކްޑައުނަކަށް ދާން ބޭނުން ނުވާތީ: އަމީން

ރާއްޖޭގައި މާސްކް އެޅުން މަޖުބޫރުކުރީ އިތުރު ލޮކްޑަައުންއަކަށް ގޮސް ރާއްޖޭގެ ބޯޑަރު ބަންދުކުރަން ބޭނުންނުވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން އެގޮތަށް ވިދާޅުވެފައި ވަނީ މިނިސްޓަރާއި ސުވާލުކުރުމަށް ދެ މެމްބަރަކު އެދިވަޑައިގެންފައިވާތީ އެކަމަށް ޖަވަބާދާރީވުމަށް މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވެ. 

 އަމީން ވިދާޅުވީ މާސްކް ނާޅައި އުޅުމުން ޖޫރިމަނާކުރާ ހިސާބަށް ދިޔައީ މާސްކް ނާޅާއި ހުންނަ މީހާ މާސް ނޭޅުމުގެ ސަބަބުން އޭނާގެ ސިއްހަތުގެ އިތުރުން އޭނާގެ ވަށައިގެންވާ އެހެން މީހުންގެ ސިއްހަތަށް ވެސް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރާތީ ކަމަށެވެ. އަދި ބައެއް ފަަހަރު ކަމެއް ނޫންކަމަށް ހީކޮށް ދޫކޮށްލެވޭ ކަމެއްގެ ސަބަބުން އެތައް ބަޔަކު އެކަމަށް ހުށަހެޅިގެންދާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

“އަޅުގަނޑުމެން މާސްކް އެޅުން މަޖުބޫރުކުރީ އިތުރު ލޮކްޑައުންއަކަށް ދާން ބޭނުން ނުވާތީ. އަޅުގަނޑުމެން ރާއްޖޭގެ ބޯޑަރު އިތުރަށް ބަންދުކުރަން ބޭނުންނުވާތީ. އަދި ރާއްޖޭގެ އެހެން ރަށްރަށަށް އެއްފަހަރާ މި ބަލި ފެތުރެން ބޭނުންނުވާތީ” އަމީން ވިދާޅުވިއެވެ.

އަދި ފުރަތަމަ ކޮޅު އެންމެން ވެސް މާސްކް އަަޅައިގެން އުޅުނު ކަމަށާއި ނަމަވެސް ފަހުން މާސްކް ނާޅާއި ބޭރުގައި އުޅޭ މީހުން އިތުރުވުމާއި ބަލި ފެތުރޭ މިންވަރު ވެސް އިތުރުވުމުން މާސްކް އެޅުން މަޖުބޫރުކުރަން ޖެހުނީ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!