ނަޗް ބަލިޔޭ 10 ގެ ޖަޖެއްގެ ގޮތުގައި ބިޕާޝާ ފެންނާނެ ކަމުގެ އަޑުތަކެއް

ސްޓާ ޕްލަސް އިން ގެނެސްދޭ މަޤުބޫލު ޑާންސް ޝޯ “ނަޗް ބަލިޔޭ” ގެ 10 ވަނަ ސީޒަނުން ފަނޑިޔާރެއްގެ ގޮތުގައި ބޮލީވުޑް ބަތަލާ ބިޕާޝާ ބާސޫ ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އަހަރު ގެނެސްދޭން ތައްޔާރުވަމުން އަންނަ ސީޒަންގައި ބިޕާޝާގެ އިތުރުން ޖަޖުންގެ ގޮތުގައި ފެނިގެންދާނީ ޑައިރެކްޓަރު ޑޭވިޑް ދަވަނާއި މަޝްހޫރު ކޮރިއޮގްރާފަރު ވައިބާވީ މާޗަންޓް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ބޮލީވުޑްގެ އެތައް ފިލްމެއްގެ ލަވަތަކެއްގެ ނެށުން ތައްޔާރުކޮށް ދީފައިވާ ވައިބާވީ އަކީ ކުރިން ވެސް “ނަޗް ބަލިޔޭ” ގެ ފަނޑިޔާރުކަން ކޮށްފައިވާ މީހެކެވެ.

‘ޕިންކްވިލާ ‘އިން ބުނީ އަންނަ ހަފުތާގެ ތެރޭގައި ސްޓާ ޕްލަސް އިން ޝޯގެ ޖަޖުންގެ ޕެނެލް ފައިނަލްކޮށް، އެއްބަސްވުމަކަށް އަންނާނެ ކަމަށެވެ.

އެކްޓަރު ކަރަން ސިންގް ގްރޯވާއާ 2016 ގައި ކައިވެނިކުރި ފަހުން ފިލްމީ ދާއިރާ އިން ގެއްލިފައިވާ ބަތަލާ ބިޕާޝާގެ އަންނަނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު، އޭނާ ކުޅެފައިވާ ފިލްމެއް ވެސް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުންނެވެ.  އެއީ މި މަހުގެ 14 ގައި އެމްއެކްސް ޕްލެޔާ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ “ޑޭންޖަރަސް” އެވެ.

2005 ން ފެށިގެން ގެނެސްދެމުން އަންނަ “ނަޗް ބަލިޔޭ” އަކީ މަޝްހޫރު ސެލެބްރިޓީ ޖޯޑްތައް ބައިވެރިކޮށްގެން ގެނެސްދޭ ޝޯއެކެވެ. މީގެ އެންމެ ފަހުގެ ސީޒަން ކާމިޔާބުކުރީ ދެމަފިރިން ކަމަށްވާ ޕްރިންސް ނަރޫލާ އާއި ޔޫވިކާ ޗައުދަރީ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!