ސަންޖޭ ދަތަށް ހުރީ ފުއްޕާމޭގެ ކެންސަރު ޖެހިފަ!

ބޮލީވުޑް އެކްޓަރު ސަންޖޭ ދަތަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ސަންޖޭ، 61، ވަނީ މީގެ 3 ދުވަސް ކުރިން ނޭވާލާން އުނދަގޫ ވެގެން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ. ނަމަވެސް ކޮވިޑް-19 އަށް ޝައްކުވެގެން ހެދި ޓެސްޓުގެ ނަތީޖާ ވަނީ ނެގަޓިވް ވެފައެވެ. އެއާއެކު އޭގެ ޖެހިގެން އައި ދުވަހު ސަންޖޭ ވަނީ ގެއަށް ބަދަލުކޮށްފައެވެ.

މިއަދު ސަންޖޭ ކުރި ޓްވީޓެއްގައި ބުނީ، ސިއްޙީ މައްސަލަކަށް ފަރުވާކުރަން ވެގެން ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގާ ވާހަކައެވެ. ހަމައެހެންމެ، އޭނާއާއެކު އާއިލާއާއި ގާތް އެކުވެރިން އެބަތިބި ކަމަށާއި، ހެޔޮއެދޭ ފަރާތްތަކުން މާ ބޮޑަށް އޭނާއާމެދު ނުވިސްނުމަށް ބުނެފައިވެއެވެ. “ތި އެންމެންގެ ހެޔޮ ދުއާއާއެކު އަހަރެން ވަރަށް އަވަހަށް އެނބުރި އަންނާނަން”، ޓްވީޓު ނިންމައިލަމުން ސަންޖޭ ބުންޏެވެ.

އެއާއެކު ފިލްމުތަކަށް ފާޑުކިޔާ ކްރިޓިކެއް ކަމަށްވާ ކޯމަލް ނަހްތާ ވަނީ، ސަންޖޭ އަށް ޖެހިފައިވަނީ ފުއްޕާމޭގެ ކެންސަރުކަން ހާމަކޮށްފައެވެ. “ސަންޖޭ ދަތަށް ހުރީ ފުއްޕާމޭގެ ސްޓޭޖު ތިނެއްގެ ކެންސަރު ޖެހިފަ. އެންމެންވެގެން އޭނާއަށް އަވަސް ޝިފާއަކަށް އެދި ދުއާ ކުރަމާ”، ކޯމަލްގެ ޓްވީޓުގައި ވެއެވެ.

ސަންޖޭގެ ގާތް އެކުވެރިޔަކު މީޑިއަކާ ވާހަކަ ދައްކަމުން ބުނީ އެ ޙަބަރާއެކު ސަންޖޭ ވަނީ ފުން ހިތާމައެއްގައި ކަމަށެވެ. އަދި ސަންޖޭ އެންމެ ހާސްވަނީ މިވަގުތު ދުބާއީގައި ތިބި އޭނާގެ އަނބިދަރިންނާ މެދު ކަމަށް ބުންޏެވެ. މީގެ އިތުރުން ބުނީ، ސަންޖޭއަށް ޖެހިފައިވާ ކެންސަރަކީ އަވަސް ފަރުވާއެއް ލިބިއްޖެނަމަ ޝިފާ ލިބޭނެ ބައްޔެއް ކަމަށެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ސަންޖޭ މިހާރު އަންނަނީ ފަރުވާއަށް އެމެރިކާއަށް ފުރަން ތައްޔާރުވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!