މިވަގުތު އައްޑުއަށް ކޮވިޑް ފެތުރިފައި އޮތް ކަމަށް ފާހަގައެއް ނުވޭ: ސޯބެ

ކޮވިޑް ބައްޔަށް ޕޮޒިޓިވް 4 ކޭސް އައްޑޫން ފެނިފައިވީ ނަމަވެސް މިވަގުތު އައްޑުއަށް ކޮވިޑް ފެތުރިފައި އޮތް ކަމަށް ފާހަގަނުވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ ވިދާޅުވީ، މިއަދު އައްޑޫ ހިތަދޫން ފެނުނު ޕޮޒިޓިވް ކޭސްއަކީ އައްޑުއަށް ގޮސް ކަރަންޓީންގައި ހުރި ފަރާތެއް ކަމަށެވެ. އަދި އެ ފަރާތް ކަރަންޓީން މުއްދަތު ހަމަކުރުމަށް ފަހު ޓެސްޓު ހެދި އިރު ކޮވިޑްގެ ނަތިޖާ ޕޮޒިޓިވް ވީ ކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫ ސިޓީން އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައި ވަނީ މިމަހުގެ 8 ވަނަ ދުވަހެވެ. އެއީ އައްޑޫ ސިޓީ ފޭދޫންނެވެ. އެއަށް ފަހު މި މަހުގެ 9 ވަނަ ދުވަހު ވަނީ ހިތަދޫން އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އަދި އެއަށް ފަހު މިއަދު ތިން ވަނަ މީހަކު ހިތަދޫން ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާރު އައްޑޫން ފެނުނު ކޭސްތަކުގެ ތަފްސީލް ހާމަކުރައްވަމުން ސޯބެ ވިދާޅުވީ ހިތަދޫން ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ ތިން މީހުން ކަމަށާއި އެއީ ބަންގްލަދޭޝް އެކަކާއި ދެ ދިވެހިން ކަމަށެވެ. އަދި ފޭދޫން އެއް ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!