ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދު 148 އަށް

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު 148 އަށް އަރައިފި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ވަނީ އިތުރުވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިއީ ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު ފަހަރެވެ.

އެޗްޕީއޭއިން ބުނީ 148 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. ކޮވިޑްގެ ބަލި މީހުން އެޑްމިޓް ކުރަމުންދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލްގެ ދެ ފްލޯއެއް ވަނީ ކޮވިޑްގެ ފަރުވާއަށް ހާއްސަކޮށްފައެވެ. އެގޮތުން ޑީއެޗް11 ގައި ފަރުވާ ދެމުންދަނީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށެވެ. އެ ފްލޯގައި ގާއިމްކޮށްފައިވަނީ އައިސީޔޫއެކެވެ.

މީގެ އިތުުރުން ޑީއެޗް16 ގައި ހިންގަމުންދަނީ ކޮވިޑްޖެހޭ މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެކެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 8 މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. އޭގެ ތެރެއިން ހަތް މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގެ އައިސީޔޫގައެވެ. އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައިވެސް ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!