މަޑުއްވަރީގައި މަރުތޭލެއް ފަދަ ހަތިޔާރަކުން ޖަހާ މީހެއްގެ ބޯ ފަޅާލައިފި

ރ. މަޑުއްވަރީގައި މަރުތޭލެއް ފަދަ ހަތިޔާރަކުން ޖަހާ މީހެއްގެ ބޯ ފަޅާލައިފި ކަމަށް ހަބަރު ލިބިއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިއެވެ. އެމީހާގެ ބޯ އެއްކޮށް ބޭލުމަށް ފަހު މިހާރު ވަނީ ފަހާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކާ ހަވާލާދީ އެނޫހުން ބުނީ ވަރަށް ބާރަށް އެއްޗަކުން ޖެހި އަޑު އިވުނު ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. އަދި އެ ހާދިސާގައި ހަމަލާ ދިން މީހާ ހުރީ ވަރަށް ބޮޑަށް ނިވާވެގެން ކަމަށާއި އެހެން ކަމުން އެ ހަމަލާ ދިން މީހާގެ ވަނަވަރު ނޭނގޭ ކަމަށްވެސް އެމީހާ ބުނެއެވެ. އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށަފައި ނުވާ ކަމަށްވެސް އޭނާ ބުނެއެވެ.

މިކަމާ ގުޅިގެން މަޑުއްވަރީ ކައުންސިލްގެ ރައީސް ވަނީ އެ ރަށުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެއީ ފުލުހުން ބަލަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ދެއްވާފައެެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!