73 ނޫސްވެރިންގެ ސޮޔާއިއެކު މުންޑޫ އާދަމް ހަލީމުގެ ޖިންސީ ގޯނާގެ މައްސަލައެއް!

“އަވަސް އޮންލައިން” ގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ) ގެ މައްޗަށް ސޯޝަލް މީޑިއާގައި ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން 19 މީޑިއާއެއްގެ 73 ނޫސްވެރިއަކު ސޮއިކޮށް ކަމާއިބެހޭ އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް، ޖެންޑާ މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅި މި ޕެޓިޝަންގައި ވަނީ މުންޑޫގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

އެގޮތުން “އަވަސް އޮންލައިން”ގެ ޗީފް އެޑިޓަރުގެ މަގާމުގައި މުންޑޫ ހުރެ އެނޫހުގައި މަސައްކަތް ކުރި އަންހެން ނޫސްވެރިންތަކަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ އާއި ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ، އެކަމުގެ ޝިކާރައަކަށްވީ ކަމަށް ބުނާ ފަރާތްތަކުން ވަނީ އެ ވާހަކަތައް ޓްވިޓާގައި އާންމުކޮށް ހާމަކޮށްފައެވެ. ނޫހެއްގެ އިތުބާރު ކުރެވޭ އިސް މަގާގެއްގައި ހުރި ފަރާތަކާ މެދު އެކަކަށް ވުރެ ގިނަ ފަރާތުން މިފަދަ ތުހުމަތުތަކެއް ކުރުމަކީ ނޫސްވެރިން ނިހާޔަތަށް ކަންބޮޑުވާ ކަމެއްކަމަށް ޕެޓިޝަންގައި ބުނެފައި ވެއެވެ.

ނޫސްވެރިކަމުގެ ދާއިރާއިންވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭން ޖެހިފައިވާއިރު، އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް އަންހެނުންނަށް ވެސް ލިބިދޭން ޖެހޭއިރު، އަދި އެކަމަށް އިންތިހާއަށް ހިތްވަރު ބޭނުންވާއިރު، ނޫހެއްގެ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އަދި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްވެ، ނޫސްވެރިކަމުގެ އެތައް އެވޯޑެއް ވެސް ލިބިލައްވާފައިވާ ފަރާތަކުން އެފަދަ އަމަލެއް ކުރި ކަމަށް އެތައް ބައިވަރު ތުހުމަތުތަކެއް ކުރެވެމުން ދިޔުމަކީ ނޫސްވެރިން ބަލައިގަންނަ ކަމެއް ނޫންކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ. މީގެ އިތުރުން މިއީ “އަވަސް އޮންލައިން”ގައި މަސައްކަތް ކުރާ އަންހެން ނޫސްވެރިންނަށް ވެސް އަދި މިދާއިރާގައި ކުރިއަށް ދިޔުމުގެ ހުވަފެން ދެކެމުން އަންނަ ނޫސްވެރިންނަށް ވެސް ބިރެއް ކަމުގައި ދެކޭކަމަށް ބުނެ ޕެޓިޝަންގައި ބުނެފައިވަނީ މިއީ ނޫސްވެރިން ކުރާ މަސައްކަތްތަކާއި މި ދާއިރާއާ މެދު ރައްޔިތުންގެ މެދުގައި ސުވާލުތައް ފެންމަތިވެ، އިތުބާރު ގެއްލޭނެ ފަދަ އަމަލުތަކެއް ކަމަށް ވެސް ގަބޫލު ކުރާކަމަށެވެ.

އޭނާގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވެނީ، ކުރިން ވީޓީވީގައި މަސައްކަތް ކުރަމުން ދިޔައިރު، އެ ޓީވީގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި، އަނިޔާ ކުރާ ވީޑިއޯއެއްވެސް މީގެ ކުރިން އާންމުވެފައި ވަނިކޮށެވެ.

ނޫސްވެރިންގެ ފަރާތުން ދައުލަތުގެ އިދާރާތަކުގައި އެދިފައިވަނީ، ޖިންސީ ގޯނާއާއި ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް ބަލައި ކުށްވެރިވާ ނަމަ ހައްގު އަދަބު ދިނުމަށެވެ. މީގެ އިތުރުން އެފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތަކަށް މީގެ ކުރިން ދައުލަތުންނާއި އެކިއެކި އިދާރާތަކުން ދީފައިވާ އެވޯޑްތަކާއި “ގަލަންތަކާއި” ޝަރަފުތައް އަނބުރާ ގެނައުމާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ނޫސްވެރިން ވަނީ އެދިފައެވެ. އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ދީފައިވާ އާންމު ހިދުމަތުގެ ގައުމީ އިނާމާއި މީޑިއާ ކައުންސިލުން 2019 ވަނަ އަހަރު ދީފައިވާ “ނޫސްވެރިކަމުގެ ރަންގަލަން” މުންޑޫ އާދަމް ހަލީމުގެ ކިބައިން އަތުލުމަށް ނޫސްވެރިން އެދޭކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.

އަދި މުސްތަގުބަލުގައި އިދާރާތަކުން މިފަދަ އެވޯޑްތައް ދޭއިރު މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހުންނަށް އެފަދަ އެވޯޑްތައް ނުލިބޭނެ ފަދަ ގޮތަކަށް އުސޫލުތައް އެކަށައަޅައި ތަންފީޒު ކުރުމަށާއި މިފަދަ އެވޯޑެއް ލިބިފައިވާ ފަރާތްތަކަށް ފަހުން ވެސް އެފަދަ ތުހުމަތެއް ކުރެވޭނަމަ، އެ އެވޯޑެއް އަތުލެވޭނެ ގޮތުގެ އުސޫލެއް އެކުލަވާލައި، އާންމުކޮށް އަދި އެ އުސޫލު ތަންފީޒުކުރަން ވެސް ނޫސްވެރިން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!