އައިސޮލޭޝަނަށް ގެންދަން އެޗްޕީއޭ އިން ގުޅީ ޖަނާޒާ ކުރިއަށް ދަނިކޮށް: އާއިލާ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ވިހި ވަނަ މީހަކު މަރުވިއިރު އެމީހާ އައިސޮލޭޝަނަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސ (އެޗްޕީއޭ) ގެ ފަރާތުން ގުޅީ ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް ކަމަށް އެމީހާގެ އާއިލާގެ މީހަކު ބުނެފި އެވެ.

އުމުރުން 67 އަހަރުގެ އެމީހާ މަރުވެފައި ވަނީ މިއަދު 12:12 ގައި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި އެމީހާއަކީ އައިޖީއެމްއެޗުގެ އީއާރުގައި ފަރުވާދެމުން އައި މީހެއް ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ. 

އެމީހާގެ މަރާއެކު އާއިލާއިން އަންނަނީ އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެމީހާގެ އާއިލާގެ މެމްބަރަކު ކުރި ޓްވީޓެއްގައި ބުނީ އެޗްޕީއޭގެ ފަރާތުން ބޮޑުބޭބެ އައިސޮލޭޝަނަށް ގެންދިއުމަށް އޭނާގެ ދަރިފުޅަށް ގުޅާފައި ވަނީ ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް ކަމަށެވެ. 

އެ އާއިލާގެ ކަންބޮޑުވުންތަކަށް ބަލާއިރު ޕޮޒިޓިވްވި މީހުން ކަރަންޓީން ފެސިލިޓީއަކަށް ނުގެންދިއުމާއި ގޭގައި މޮނިޓަރިންގެ ނޯޓިސް ވެސް ނުހިއްޕާ ކަމަށް ވެ އެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް ވެސް ޓެސްޓް ނުކުރާކަމަށް ވަނީ ބުނެފަ އެވެ.

އެގޮތުން އާއިލާގެ އިތުރު މެމްބަރަކު ކުރި ޓްވީޓެއްގައި ވަނީ އެޗްޕީއޭ އިން މަޑުކޮށްގެން ތިބީ މީހަކު މަރުވަންދެން ކަމަށް ބެލެވޭ ކަމަށާއި އެގޮތުން ޕޮޒިޓިވްވި މީހުން ބަލާއި މިއަދު އަންނާނެ ކަމަށާއި ނޯޓިސް ވެސް މިއަދު ހަރުކުރާނެ ކަމަށް ބުނެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

އެ ޓްވީޓުތަކާއެކު ގިނަ ބަޔަކު ވަނީ އެޗްޕީއޭއަށް ފާޑުކިޔުން އަމާޒުވެފަ އެވެ. މިފަހަކަށް އައިސް މީހުން ކަރަންޓީން ފެސިލިޓީޓަކަށް ގެންދިއުމުގައި ބޮޑެތި ލަސްތަކެއް ދިމާވެފައިވާއިރު ހައި ރިސްކް މީހުން ވެސް ޓެސްޓް ނުކުރާ ކަމަށް ބުނެ އެވެ. 

އެނގިފައިވާ ގޮތުގައި މީގެ ފަސް ދުވަސް ކުރިން ކޮވިޑް ޖެހުނު ބައެއް މީހުން އަދިވެސް ގޭގައި އެބަ ތިއްބެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!