ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން، މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، މިއަދު މެންދުރު ފަހު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އަދި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ފިނޭންސުން ހުށަހެޅުއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން އެ ބައްދަލުވުމުގައި ވަނީ މިހާރުގެ ހާލަތަށް ބަލައި އެ ބަޔާންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މެންބަރުން ހިޔާލުފާޅުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، ކޯވިޑް-19 ގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ވާހަކަފުޅު ދައްކަވައި، މިހާރުން މިހާރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!