ރައީސް ޔާމީންގެ ކެބިނެޓް މިނިސްޓަރަކަށް ޖިނާއީ ބޮޑު މައްސަލައެއްގެ ދައުވާ ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރެއްގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގެ ދައުވާ ކުރަން އެންޓި ކަރަޕްޝަން ކޮމިޝަން [އޭސީސީ]އިން ތައްޔާރު ވެއްޖެ އެވެ.

މިއަދު ރައްޔިތުންްގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އޭސީސީގެ މެމްބަރުން ހާޒިރު ކުރުމުން އެ ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ ބޮޑު މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރަން ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި އެކޮމިޝަންގެ ޓާގެޓަކީ އަންނަ ބުރާސްފަތި ދުވަހު އެ މައްސަލަ ދައުވާ ކުރަން ފޮނުވުން ކަމަށް ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަފްސީލު ޝަކީލު ނުދެއްވި ނަމަވެސް އެނގިފައިވާ ގޮތުގައި އޭސީސީއިން ދައުވާ ކުރަން ނިންމި ބޮޑު ކޮރަޕްޝަންގެ މައްސަލައަކީ ރައީސް ޔާމީން ސަރުކާރުގައި އިސްކޮށް އުޅުއްވި ކެބިނެޓް މިނިސްޓަރެއްގެ ކޮރަޕްޝަން މައްސަލައެކެވެ. އަދި އެއީ ކުރިން އޭސީސީގެ ކުރީގެ މެމްބަރުން ބެލުމަށްފަހު އެމައްސަލައިގައި ކޮރަޕްޝަނެއް ނުހިމެނޭ ކަމަށް ނިންމި މައްސަލައެއްކަން ވަނީ އެނގިފަ އެވެ. އެ މިނިސްޓަރުގެ ޚިޔާނާތުގައި ހިމެނެނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ސާފެއް ނުވެއެވެ.

އޭސީސީއިން ބުރާސްފަތި ދުވަހު ދައުވާ ކުރަން ފޮނުވަން ނިންމި ބޮޑު ކޮރަޕްޝަން މައްސަލަ ބަލަން ނިންމީ ކޮރަޕްޝަން މައްސަލަތައް ބަލަން ރައީސް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ބެލުމަށް ފަހު އިތުރަށް ތަހުގީގު ކުރަން އެދުމުން ކަމަށް މީގެ ކުރިން ޝަކީލް ވަނީ ވިދާޅުވެފަ އެވެ.

މިއަދު ކޮމިޓީގައި ޝަކީލް ވިދާޅުވީ އެކޮމިޝަނުން ބަލަމުންދާ 18 މައްސަލައެއްގެ ދައުވާ ކުރަންް ތައްޔާރު ވަމުން ދާއިރު މި މަސް ނިމޭއިރު އޭގެ ތެރެއިން ހަތް މައްސަލައެއް ދައުވާ ކުރަން ފޮނުއްވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!